އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު ބްރައިޓަންއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން އެޓީމު ވަނީ، 3-2ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އެއާ އެކު ޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯ ވަނީ، އެއީ ކުޅުންތެރީން ވަރަށް ބޮޑެތި ގޯސްތަކެއް ހެދުމުގެ ނަތީޖާ ކަމަށް ބުނެފަ އެވެ.

ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުގައި މޮރީނިއޯ ބުނީ، އޭނާގެ ކުޅުންތެރީން ވަރަށް ބޮޑެތި ގިނަ ގޯސްތަކެއް ހެދުމުން އޭގެ އަދަބު ރަނގަޅަށް ލިބިއްޖެ ކަމަށެވެ.

ބްރައިޓަންގެ އެމެރިކަން އެކްސްޕްރެސް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ، ގްލެން މުރޭ، ޝޭން ޑަފީ އަދި ޕަސްކަލް ގްރޮސް އެވެ. ތިން ލަނޑު ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ރޮމެލޫ ލުކާކޫ ކާމިޔާބުކުރި އިރު، ބްރައިޓަންއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. އަދި މެޗު ނިމެން އުޅެނިކޮށް ޕައުލް ޕޮގްބާގެ ޕެނަލްޓީއަކުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރި ނަމަވެސް އޭރު ވަގުތު ވަނީ ފާއިތުވެފަ އެވެ.

މޮރީނިއޯ އޭނާގެ ވަކިވަކި ކުޅުންތެރީންނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔަައިފައި ވާނޭކަން ފާހަގަކުރަމުން ބުނީ، މިއީ އާދައިގެ ކުޑަކުޑަ "މިސްޓޭކް"ތަކެއް ނޫން ކަމަށާއި ވަރަށް ބޮޑެތި މިސްޓޭކްތަކެއް ކަމަށެވެ.

މޮރީނިއޯ ބުނީ، ބުނާގޮތަށް ކުޅުންތެރީން މަސައްކަތް ނުކުރާނަމަ އޭނާގެ ވިސްނުން އެހެން ގޮތަކަށް ބަދަލުކުރާން ޖެހިދާނެ ކަމަށާއި އެހެންކަމުން ކޮންމެ ކުޅުންތެރިއަކު ވެސް ފުރިހަމައަށް ޒިންމާ ނެގުމަށް އިލްތިމާސްކުރާ ކަމަށެވެ.

"އަހަރެން މިދައްކަނީ ކުދިކުދި ގޯސްތަކެއް ހެދުނު ވާހަކައެއް ނޫން. ވަރަށް ބޮޑެތި ގޯސްތަކެއް ހެދުނީ. އަހަރެމެން ބޮޑެތި ގޯސްތަކެއް ހެދުމުގެ އަދަބު މި ލިބުނީ. އަމިއްލަ ނަފުސަށް އިތުބާރު ގެއްލުނީމަ ދެން މެޗުގެ ރޭވުމާ އެއްގޮތަށް އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވޭނެ،"

މޮރީނިއޯ ބުނީ، ޔުނައިޓެޑް ކޮޅަށް ބްރައިޓަން އިން ޖެހި ތިން ވަނަ ލަނޑުއެއީ ވަރަށް ބޮޑަށް ފަރުވާކުޑަވުމުގެ ސަބަބުން ޖެހި ލަނޑެއް ކަމަށާއި، ދެވަނަ ހާފުގައި ނުކުތީ ވަރަށް ބޮޑަށް ކުޅުންތެރީންނަށް ބުނެ ދިނުމަށް ފަހު ކަމަށެވެ. ނަމަވެސް ޔުނައިޓެޑްގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ މާ ބޮޑަށް ވެސް ފަހުންކަމަށް އޭނާ ބުންޏެވެ.