20 Sep 2011, 09:18
ނިޔުދިއްލީ (ސެޕްޓެމްބަރ 20) : އިންޑިޔާގެ އިރުއުތުރުގެ ބައެއް ސަރަޙައްދުތަކަށް މިދިޔަ އާދީއްތަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި 63 މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އިންޑިޔާ އިން ބުނެފި އެވެ. އިންޑިޔާގެ ޑިޒާސްޓަރ މެނޭޖްމެންޓުން ބުނި ގޮތުގައި މީގެތެރެއިން 48 މީހުން މަރުވީ އިންޑިޔާއިންނެވެ. އަނެއް 15 މީހުން މަރުވީ މިބިންހެލުމުގެ އަސަރުކުރި އިންޑިޔާގެ އިރުއުތުރުގެ އަވަށްޓެރި ޤައުމުތަކުންނެވެ.
ރެކްޓަރ މިންގަނޑުން 6.8 ގައި އައި މިބިންހެލުމުގައި އިންޑިޔާއަށް ލިބުނު ގެއްލުންތައް އަދުވެސް ސާފުނުވާ ކަމަށާއި އެކަން ބަލަމުންގެންދާތީ މަރުވި މީހުންގެ ޢަދަދަށް ބަދަލު އަތުވެދާނެ ކަމަށް އިންޑިޔާގެ އޮފިޝަލުން ވިދާޅުވެއެވެ.
ދުނިޔޭގެ ބިންހެލުންތައް ބަލައި ދިރާސާކުރުމުގައި މަޝްހޫރު އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭ ބުނާގޮތުން މިބިންހެލުމުގެ މަރުކަޒުހުރީ އިންޑިޔާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ ސިކީމް ގެ ވެރިރަށް ގެންގްޓޮކްގެ ހުޅަނގު އުތުރުން 45 ކިލޯމީޓަރުގެ ދުރުގައިވާ ހިސާބެއްގެ ބިމުއަޑީގައި 10 ކިލޯމީޓަރު ފުނުގައެވެ. އެހެންކަމުން ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީވެސް އެސްޓޭޓަށާއި ހިމާލިޔާ ސަރަޙައްދުގައިވާ އިންޑިޔާގެ އަވަށްތަކަށެވެ. މިގޮތުން ބިންގަނޑު ކނޑައިގެން ދިޔުމުގެ ސަބަބުން ބިންގައާއި ކިސަޑުތަކުގައި ތާށިވެފައިތިބި 400 މީހަކު ސިއްކީމުންނާއި ހިމާލިޔާ ސަރަޙައްދުގެ އިންޑިޔާގެ އެހެން ތަންތަނުން ސަލާމަތްކޮށްފައިވާ ކަމަށް މީހުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވާ އިންޑިޔާގެ ފުލުހުންގެ ޓީމްތަކުން ބުނެއެވެ.
އިންޑިޔާގެ ޑިޒާސްޓަރ މެނޭޖްމެންޓުން ބުނިގޮތުގައި ސިކީމްގެ ބައެއް ރައްތަކާއި ދުރުގައިވާ ވިލެޖްތަކުގެ ގެތަކުގައި ރެނދުއެޅުމާއި ޖފުޓީތައް ހަލާކުވުންފަދަ ގެއްލުންތައް ލިބުމުން ބައެއްމީހުންވަނީ ހާލުގައި ޖެހިފައެވެ. ނަމަވެސް ގެއްލުންތައް މާބޮޑުނޫންކަމަށް އެފަރާތުން ބުނެއެވެ.
އިންޑިޔާގައި އެންމެ އާބާދީ ކުޑަ ސްޓޭޓް ކަމަށްވާ ސިއްކީމް އޮންނަނީ ހިމާލިޔާ ސަރަޙައްދުގައި ނޭޕާލާއި ބޫޓާނާ އަދި ޓިބެޓްގެ ކައިރީގައެވެ. މިބިންހެލުމުގެ އަސަރު ނޭޕާލަށްވެސް ކުރިކަމަށާއި ބިންހެލުމަށްފަހު އެ ހިސާބުގެ ގިނަ ސަރަޙައްދުތަކުގެ ބިންގަނޑަށް ކުދިކުދި ލޮޅުންތައް އަރަމުންދާ ކަމަށް ސައިސްމޮލޮޖީގެ ދިރާސާތަކާބެހޭ އިންޑިޔާގެ މަރުކަޒުން ބުނެއެވެ.
އިންޑިޔާގެ އިރުއުތުރުގެ ބައެއް ސަރަޙައްދުތަކަށް އާދީއްތަ ދުވަހު އައި ބިންހެލުމުގައި ނޭޕާލުން 8 މީހަކު މަރުވިކަމަށް އެޤައުމުގެ ޓީވީ ޚަބަރު ދެއެވެ. އަދި ޓިބެޓުންވެސް މީހުން މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. މިބިންހެލުމުގެ ލޮޅުންތައް ބަންގްލަދޭޝް ގެ ބައެއް ހިސާބުތަކަށްވެސް އެރިކަމަށް އެޤައުމުން ބުނެއެވެ. (ރޮއިޓާސް)