ރައްޔިތުންނަށް ދޫކުރާ ފްލެޓްތަކުގެ އަގުތައް މިހާރަށްވުރެ ތިރި ކުރާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

މިރޭ ހެންވޭރުގައި 'ގަމު ރަޝާދު ޖަގަހަ' ގެ ނަމުގައި ޖަގަހައެއް ހުޅުއްވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އޭނާ ވެރިކަމަށް އައުމަށް ފަހު ރައްޔިތުންނަށް ހެޔޮ އަގުގައި އިންސާފުވެރިކަމާއެކު ބޯހިޔާވެހިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ގެދޮރަށް ދަައްކަން ޖެހޭ ފައިސާވެސް ރައްޔިތުންނަށް ބުރައަކަށް ވެފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ. އެކަމަށް ލުއިގޮތެއް ހޯދައި ދިނުމަށް ގެދޮރުގެ ފައިސާ ދައްކަން ހާއްސަކޮށް ދިގު މުއްދަތުން ދައްކާ ހަލާސް ކުރާ ގޮތަށް ލުއި ލޯނު އޭނާގެ ވެރިކަމެއްގައި ހަމަޖައްސައިދޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވެރިކަމުގައި ގެދޮރާ ބެހޭ ގޮތުން ހައުސިންގްއާ ބެހޭ ހާއްސަ ސްކީމެއްގެ ދަށުން ލުއި ލޯނު ދިގު މުއްދަތަށް ދައްކާ ހަލާސް ކުރެވޭ ގޮތަށް އެކަން ހަމަޖެހިގެންދާނެ. އަދި ފްލެޓްގެ އަގުތައް މިހާރަށްވުރެ ތިރިކުރެވޭނެ." އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މާލޭގައި ދޮރުން ދޮރަށް ހިނގި އިރު ފާހަގަކުރެވޭ އެއް މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށެވެ. އަދި ގެދޮރަށް ކުރިމަތިލާ ފަރާތްތަކަށް އިންސާފުވެރިކަމާއެކު ގެދޮރު ނުލިބޭ މައްސަލައަކީވެސް ބޮޑު މައްސަލައެއްގެ ގޮތުގައި އިބޫ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް މި އަރުވަނީ އަޅުގަނޑުމެންގެ ވެރިކަމުގައި އިރާދަކުރެއްވިޔާ މާލޭގެ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ގެދޮރުގެ ދަތިކަން ފިލުވާލަދޭނެ ވާހަކަ" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އޭނާގެ ވެރިކަމުގައި އިންސާފުން ބޭރުން ހައްގު ނޫން މީޙުންނަށް ގެދޮރު ނުދޭނެ ކަމަށެވެ. މާކްސް ދޭ ޝީޓުން އެންމެ މަތިން މާކްސް ހޯދާ މީހުންނަށް ގޯތި ދޭނެ ކަމަށް ވިދާޅުވި އެވެ.

އަދި ގޯތި ދިނުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބެލުމުގައި މަދަނީ ޖަމިއްޔާތައް ބައިވެރި ކުރާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

އޭގެ އިތުރުން މާލޭގެ ޓްރެފިކްގް މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ފަށާނެ ކަމަށް އިބޫ ވިދާޅުވި އެވެ. މީހުންނަށް ހިނގާ ބިގާވެ އުޅެން ދަތި ތަނަކަށް މާލެ ވެއްޖެކަން ފާހަގަކޮށް އިބޫ ވިދާޅުވީ ފުރަތަމަ ކަމަކަށް މާލޭގެ ޓްރެފިކަށް ބަދަލު ގެންނާނެ ކަމަށެވެ.

"ފުރަތަމަ ކަމަކަށް މާލޭގެ ޓްރެފިކަށް ބަދަލު ގެންނަން އެބަޖެހޭ. އެއަށްފަހުގައި ވަކި ސަރަހައްދުތަކެއް ލޯޑުކޮށް އަންލޯޑު ކުރެވޭ ގޮތަށް ކަނޑައަޅާނަން. އެއަށްފަހުގާ ޕާކިންގް ޒޯނު އިތުރުކުރާނަން." އިބޫ ވިދާޅުވި އެވެ.