19 Aug 2018, 22:14
ޕްރިމިއާ ލީގުގެ ޑިފެންޑިން ޗެމްޕިއަން މެންޗެސްޓާ ސިޓީއިން މިއަދު، ތަފާތު ބޮޑު ނަތީޖާއަކުން ހަޑާސްފީލްޑްގެ މައްޗަށް ކުރި ހޯދައިފި އެވެ.
ސިޓީ މި ފަހަރުގެ ލީގުގައި ކުޅުނު ދެވަަނަ މެޗުގައި މިއަދު ހަޑާސްފީލްޑާ ދެކޮޅަށް ނުކުތް އިރު މިއަދުގެ މެޗުގައި ދެ ޓީމުގެ ފަރަގު ފެނިގެން ދިޔަ އެވެ. ސިޓީއިން މެޗު ކާމިޔާބު ކުރީ 6-1 ގެ ނަތީޖާއިންނެވެ.
މެޗުގެ އެންމެ ފުރަތަމަ ގޯލު ޖެހީ ސިޓީއިންނެވެ. 25 ވަނަ މިނެޓުގައި އެ ގޯލު ޖަހައިދިނީ ސިޓީގެ ތަރި ސާޖިއޯ އަގުއޭރޯ އެވެ. އޭނާ އެ ގޯލު ކަޔާބު ކުރީ އޭރިއާގެ ބޭރުން ކީޕަރުގެ ބޯމަތިން ބޯޅަ ފޮނުވާލައިގެންނެވެ.
މެޗުގެ 31 ވަނަ މިނެޓުގައި އޭރިއާގެ ތެރެއިން ޝޮޓު ނަގަން ލިބުނު ފުރުސަތެއްގައި ސިޓީގެ ދެވަނަ ގޯލު ޖެހީ ގެބްރިއެލް ޖެސޫސް އެވެ. އެފަހުން މާ ގިނަ އިރުތަކެއް ނުވަނީސް މެޗުގެ 35 ވަނަ މިނެޓުގައި ކީޕަރަށް ހެދުނު ގޯހެއްގެ ބޭނުން ހިފައި އަގުއޭރޯ އޭނާގެ ދެވަނަ ގޯލު ޖެހި އެވެ.
ހަޑާސްފީލްޑުގެ ހަމައެކަނި ގޯލު ޖެހީ ފުރަތަމަ ހާފު ނިމެން ކުޑަ އިރުކޮޅަކަށް ވެފައި ވަނިކޮށް މެޗުގެ 43 ވަނަ މިނެޓުގައި ޖޮން ސްޓެންކޮވިޗް އެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް ސިޓީގެ ހަތަރު ވަނަ ގޯލު ޑޭވިޑް ސިލްވާ ޖެހި އެވެ. އޭނާ ޖެހި ހިތްގައިމު ގޯލަކީ 48 ވަނަ މިނެޓުގައި އޭރިއާގެ ބޭރުން ޖެހި ހިލޭ ޖެހުމަކުން ކާމިޔާބު ކުރި ގޯލެކެވެ.
ސިޓީގެ ފަސް ވަނަ ގޯލާއެކު އަގުއޭރޯ އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އެވެ. 75 ވަނަ މިނެޓުގައި އޭނާގެ ތިންވަނަ ގޯލު ޖެހީ އަރިމަތިން ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ސިޓީގެ ހަވަނަ ގޯލަކީ ހަޑާސްފީލްޑްގެ ޓެރެންސް ކޮންގޯލޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ސީޒަންގެ ފުރަތަމަ މެޗުގައި ހަޑާސްފީލްޑް ވަނީ ޗެލްސީ އަތުން 3-0ގެ ނަތީޖާއިން ބަލިވެފަ އެވެ. އެހެން ނަމަވެސް، ސިޓީ ވަނީ ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި އާސެނަލްގެ މައްޗަށް 2-0ގެ ނަތީޖާއިން ކުރި ހޯދައިފަ އެވެ.
ސިޓީ ދެން ނުކުންނާނީ ވުލްވާހޭމްޓަންއާ ދެކޮޅަށެވެ. ހަޑާސްފީލްޑް ނުކުންނާނީ ކާޑިފް ސީޓީއާ ދެކޮޅަށެވެ.