ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް ނަރުހުންނަށް ލިބެ މުސާރައިގެ 15 ޕަސެންޓް ބޮޑު ކޮށްފި އެވެ.

ހެލްތް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނ ނަރުހުންގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ގެނެސް ކުރިން އޮނިގަނޑުގައި ނުހިމެނޭ ކަންތައްތަކެއް ހިމަނާފައިވާ ކަމަށެވެ.

އެގޮތުން ނަރުހުންގެ މުސާރައިން 15 ޕަސެންޓް ބޮޑު ކުރުމުގެ އިތުރުން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާއި ތައުލީމަށް ބަލައި ކޮންމެ ދެ އަހަރަކުން ޕްރޮމޯޝަން ދެވޭގޮތަށް ވަނީ ހަދާފަ އެވެ.

އަދި ނަރުހުންގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރުމުން އެދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިވާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ސްޕެޝަލައިޒްޑް ނަރުހުން ހިދުމަތަށް ތައާރަފު ކުރާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ނަރުހުންގެ ތެރެއިން އާންމު އަދި ހާއްސަ ދާއިރާތަކުން މަގާމުގެ ކުރިއެރުން ދޭގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ނަރުހުންގެ މުސާރަ ބޮޑުކުރަން ނިންމީ ސިއްހީ ދާއިރާ ފުޅާ ވަމުންދާއިރު ނަރުހުންގެ ހިދުމަތަކީ ކުރިއަރާ ދިއުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ހިދުމަތަކަށް ވާތީ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.