އިލެކްޝަންސް ކޮމިޝަނުގެ ލޯގޯ ބޭނުންކޮށްގެން ވޯޓު ކަރުދާހުގެ ނަކަލުގެ ގޮތުގައި ބެލެވޭނެ އެއްވެސް އެއްޗެއް ހަދައި، ބޭނުން ނުކުރުމަށް އަންގައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސެޕްޓެމްބަރު 23 ގައި ބާއްވާ އިންތިޚާބާ ގުޅިގެން އެ ކޮމިޝަނުގެ ލޯގޯ ބޭނުންކޮށްގެން ވޯޓު ކަރުދާހުގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ތައްޔާރުކޮށްގެން ސޯޝަލް މީޑިއާގައި ބޭނުންކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

އެފަދަ ކަންކަމަކީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން މަނާ ކަންތައްތައް ކަމަށް، އިލެކްޝަންސްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވަނީ، އިލެކްޝަންސްގެ ހުއްދަނެތި ވޯޓު ކަރުދާސް އުފެއްދުން ނުވަތަ ވޯޓުކަރުދާހުގެ ގޮތުގައި އިންތިހާބުގައި ބޭނުންކުރެވިދާނެ އެއްޗެއް އުފެއްދުން ނުވަތަ އިންތިހާބުގައި ވޯޓު ކަރުދާސް ހުންނާނެ ގޮތަކާއިމެދު އިލެކްޝަންސް ކޮމިޝަން ފިޔަވައި އެއްވެސް ފަރާތަކުން އިިއުލާނެއް ނުވަތަ އެއްވެސް ބާވަތެއްގެ އިޝްތިހާރެއް ކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ.

އަންނަ މަހު 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަދި އިދިކޮޅު ކޯލިޝަންގެ ފަރާތުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) އެވެ.