20 Sep 2011, 15:12
ދުނިޔޭގެ އެންމެ މޮޅު ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ، ކްރިސްޓްޗާޗް ކޮލެޖުން، މާސްޓާސް ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ސްކޮލަޝިޕެއް ރާއްޖެ އަށް ދީފި އެވެ.
ފޮރިން މިިނިސްޓްރީން ބުނި ގޮތުގައި، ސަރުކާރާއި އެ ޔުނިވާސިޓީން ހަރަދުކުރާ ގޮތަށް ހަމަޖެއްސި އެ ސްކޮލަޝިޕްގެ ދަށުން ކޮންމެ އަހަރަކު ރާއްޖޭގެ އެއް ދަރިވަރަކަށް ތިމާވެށީގެ ރޮނގުން ޕޯސްޓް ގްރެޖުއޭޓް ފެންވަރަށް ކިޔެވުމުގެ ފުރުސަތު ކްރިސްޓްޗާޗް ކޮލެޖުން ލިބިގެންދާނެ އެވެ.
އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަ ދިވެހި ހައި ކޮމިޝަނުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ސްކޮލަޝިޕާ ރާއްޖެ އަށް ހަވާލުކޮށްދެއްވީ ކްރައިސްޓްޗާޗް އެސޯސިއޭޝަންގެ ނައިބު ރައީސް ސައިމަން އޮފަން އެވެ. އަދި އެއާ ހަވާލުވެވަޑައިގަތީ ހައި ކޮމިޝަނަރު ޑރ. ފަރަހަނާޒް ފައިސަލް އެވެ.
"އިރާދަކުރެއްވިޔާ ކޮންމެ އަހަރަކުވެސް މާސްޓާސް ހަދަން ކުއްޖަކު އަންނާނެ. ކުއްޖަކު ހޮވަނީ އޮކްސްފޯޑް ޔުނިވާސިޓީން. ސަރުކާރުނެއް ނޫން،" ޑރ. ފަރަހަނާޒް ވިދާޅުވި އެވެ.
އެ ސްކޮލަޝިޕް ލިބޭނީ، އެފަދަ ކޮލަޖަކުން ކިޔެވުމުގެ މާލީ ތަނަވަސްކަމެއް ނެތް ދަރިވަރަކަށް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.