މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އެއްގަމު މަގުން ގުޅުވާލަދޭ ސިނަމާލެ ބްރިޖު ހުޅުވި ނަމަވެސް، މާލެއަށް ދިމާވެފައިވާ ފަދަ ޓްރެފިކް މައްސަލަތައް ހުޅުމާލެއަށް ދިމާނުވާނެކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހުޅުމާލެ މަގުމަތީ ބަޔަކު ހިނގާފައި ދަނީ ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގެ ފަހިވެނި ކޮމިއުނިޓީ ސެންޓަރުގައި އިއްޔެ، އެ ރަށުގެ ތަރައްގީއާ ގުޅޭގޮތުން ޒުވާނުންނަށް މައުލޫމާތު ދިނުމަށް ބޭއްވި އިންޓަރެކްޓިވް ސެޝަންގައި އެޗްޑީސީގެ އާބަން ޑިޒައިނަރު އަހުމަދު ޝާހިދު ވިދާޅުވީ ބްރިޖު މަތިން ދަތުރުކުރާ ހުރިހާ އުޅަނދަކަށް ވެސް ހުޅުމާލެއަށް އެރޭނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ ހުޅުމާލޭގެ މަގުތައް ޑިޒައިންކޮށްފައިވަނީ އޮއްޖެހުމުގެ މައްސަލަ ކުޑަވާނެ ގޮތަށް، އެއް އުޅަނދު މަޑުކޮށްގެން އޮންނައިރު އޭގެ ފަހަތުން އަންނަ އުޅަނދު މަޑުނުކޮށް ކުރިއަށް ދެވޭގޮތަށް ޖާގަ ތަނަވަސްކޮށް ކަމަށެވެ.

ސިނަމާލެ ބުރިޖުން ފައިބައިގެން ހުޅުލޭމަގުން ހުޅުމާލެއަށްދާ މަގު ތަރައްގީ ކުރުމަށް ކުރާ މަސައްކަތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަގުތައް ތޮއްޖެހުމުގެ މައްސަލަ ދިމާނުވި ނަމަވެސް، ޕާކިން އަށް ކޮންމެވެސް ވަރެއްގެ ދަތިތައް ކުރިމަތިވުން އެކަށީގެންވާ ކަމަށް އޭނަ ވިދާޅުވި އެވެ. ނަމަވެސް ބްރިޖް ހުޅުވާއިރު، އެކަން ހައްލު ކުރުމަށް މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތްތައް ނިމުމުން އެކަން ވެސް ހައްލުވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ބްރިޖާއެކު ބަސް ދަތުރުތައް އިތުރުވެގެން ދާނެ ކަމަށާއި، އެއާ އެކު އަމިއްލަ ކާރާއި ސައިކަލު ބޭނުންކުރަން ޖެހޭ މިންވަރު މަދުވާނެ ކަމަށް ޝާހިދު ލަފާކުރެއްވި އެވެ.

ހުޅުމާލޭގެ ތަރައްގީއާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، އިތުރުން ދެވަނަ ފިޔަވަހީގައި ކުރިއަށް ދާ މަޝްރޫއުތަކާއި ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫއުތައް ހިންގާނެ ސަރަހައްދުތައް ދައްކައިލުމަށް ސެޝަންގެ ބައިވެރިންނަށް ވަނީ ދެވަނަ ފިޔަވަހީގެ ޓުއާއެއްވެސް ދީފައެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލެ ތަރައްގީކުރަނީ ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުން އާބާދުކުރުމަށް ޕްލޭން ކޮށްގެން ކަމަށެވެ.