19 Aug 2018, 13:49
ގިނަ ކުށްތަކެއްގައި ތުހުމަތު ކުރެވޭ، އިންޑިއާ މީހަކު ވެލާނަ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، ހުޅުޅޭން ހައްޔަރުކުރީ ސްރީ ނިރްމަލްދީޕް ސިންގު ސިދޫ ކިޔާ މީހެކެވެ. އަދި އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް އޭނާ ހަވާލު ކުރުމަށް، ރާއްޖޭން ތައްޔާރުވަމުން އަންނަ ކަމަށް ވެއެވެ.
އޭނާ ހައްޔަރު ކުރީ ފުރަން ގޮސް ހުއްޓާ ކަމެއް، ނުވަތަ ރާއްޖެ އަށް އައުމާއި އެކުގައި ކަމެއް ސާފެއް ނުވެ އެވެ.
އަންހެނުންނަށް ގޯނާ ކުރުމާއި، ގަވައިދާ ހިލާފަށް ހަތިޔާރު ގެންގުޅުން ފަދަ ގިނަ ކަންތައްކަތެއްގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވެ އެވެ. އަދި ސިންގު ސިދޫ އަކީ އޭނާގެ ގަބޫލުކުރުންތައް ކުރިއެރުވުމަށް، ކޮންމެ ފަދަ ނުރައްކާތެރި ކަމެއް ވެސް ކޮށްފާނެ މީހެއް ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.
އާންމުކޮށް އޭނާ އަކީ އައިޑެންޓިޓީ އޮޅުވާލައިގެން، އެކި އިރު އެކި ނަންނަމުގައި އުޅޭ މީހެއް ކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގެ އެވެ. އަދި އޭނާ މި ދުވަސްކޮޅު އުޅެމުން ދަނީ، ހިންދޫ ދީނުގެ ފާދިރީއަކަށް ހެދިގެން ކަމަށް ވެއެވެ.
މީގެ ކުރިން އޭނާ ވަނީ މެކްސިކޯ އިން ވެސް ހައްޔަރު ކޮށްފަ އެވެ. ނަމަވެސް، އެއަށް ފަހު އޭނާ މިނިވަންވީ ކިހިނެއް ކަމެއް ސާފެއް ނުވެ އެވެ.