ދިއްލީ (އޮގަސްޓު 19): އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ މަޖިލިސް މެމްބަރުންގެ އެއް މަހުގެ މުސާރަ ކެރަލާ އަށް އެހީވުމަށް ހަދިޔާ ކުރަން، އެޕާޓީން ނިންމައިފި އެވެ.

ކެރަލާއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކޮންގްރެސްއިން ނިންމީ އިއްޔެ، އެޕާޓީގެ ލީޑަރު ރާހުލް ގާންދީ އިސްކޮށް ހުންނަވައިގެން ބޭއްވި ބައްދަލުވުމެއްގައި އެވެ.

"އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ އާއި މަތީގޭގައި ތިއްބަވާ ކޮންގްރެސްގެ އެމްޕީންނާއި ހުރިހާ ސްޓޭޓުތަކުގައި ތިއްބަވާ ކޮންގްރެސްގެ އެމްޕީންގެ އެއް މަހުގެ މުސާރަ، ކެރަލާއަށް ހަދިޔާ ކުރަން ވަނީ ނިންމާފައި،" ކޮންގްރެސްގެ ތަރުޖަމާނު ރަންދީޕް ސިންހު ސުރެޖަވާލާ ވިދާޅުވި އެވެ.

ކޮންގްރެސްގެ އިތުރުން އާމް އާދްމީ ޕާޓީ (އޭއޭޕީ) އިން ވެސް ވަނީ އެޕާޓީގެ މަޖިލިސް މެމްބަރުންގެ އެއް މަހުގެ މުސާރަ ކެރަލާއަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ތިބި ކޮންގްރެސްގެ 98 މެމްބަރުންގެ މުސާރަ އާއި އޭއޭޕީގެ ހަތް މެމްބަރުންގެ މުސާރަ ކެރެލާ އަށް އެހީވުމަށް ދޭނެ އެވެ. އޭގެ ތެރެއިން ކޮންމެ މެމްބަރެއްގެ މުސާރަ ދެ ލައްކަ ރުޕީސްއަށް ވުރެ އިތުރުވާނެ އެވެ. އަދި ސްޓޭޓް އެސެމްބްލީތަކުގެ މެމްބަރުންގެ މުސާރަ އެއް ލައްކަ ރުޕީސްއަށް އަރާނެ އެވެ.

ކެރަލާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިމަހުގެ އަށް ވަނަ ދުވަހުގެ ފަހުން އެ ސްޓޭޓުން މަރުވި މީހުންގެ އަދަދު ވަނީ 196 އަށް އަރާފަ އެވެ. (އެންޑީޓީވީ)