މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ސައުދީ އަރަބިއާ އަށް ގޮސްފައިވާ އިރު ހައްޖުގެ އިންތިޒާމުތައް ފުރިހަމަކުރުމަށް ސައުދީ އިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. މީގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ކުނި މެނޭޖުކުރުމަށް ބަހައްޓާފައި ހުރި ސްމާޓު ކޮންޓެއިނާތަކެވެ.

ހައްޖުގެ އަޅުކަމުގެ ތެރެއިން ހައްޖުވެރިން ޒިޔާރަތްކުރާ ހުރިހާ ސަރަހައްދެއްގައި ވެސް މިފަދަ ކޮންޓެއިނަރުތައް ވަނީ ބަހައްޓައިފަ އެވެ. ސޯލާ ޕަވަރުން ހިންގާ މި ކޮންޓެއިނަރުތައް ކަރަންޓުގެ ހިދުމަތް ނުލިބޭ ސަރަހައްދުތަކުގައި ވެސް ބޭނުންކުރެވޭނެ އެވެ.

ކޮންމެ ކޮންޓެއިނަރެއްގައި ހަ ޓަނުގެ ކުނި މެނޭޖުކުރެވޭނެ އެވެ. މީގެ ނުވަ ކޮންޓެއިނަރެއް އެކި ސަރަހައްދުތަކުގައި ވަނީ ބަހައްޓައިފަ އެވެ.

ސެންސަރު ހަރުކޮށްފައި ހުންނަމި ކޮންޓެއިނަރުތައް ފުރެން ކައިރިވުމުން ސެޓެލައިޓް މެދުވެރިކޮށް ކަމާބެހޭ އިދާރާތަކަށް ސިގްނަލެއް ފޮނުވާނެ އެވެ. ކޮންޓެއިނަރުތަކާ އެކު ކުނި މެނޭޖުކުރުމަށް ހައްޖު މޫސުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރެ އެވެ.