20 Sep 2011, 00:01
މޫސުމަށް އަންނަ ބަދަލުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކުރައްވާފައިވާ މަސައްކަތްފުޅުތައް ދައްކުވައިދޭ ޑޮކިއުމަންޓްރީ ފިލްމް "ދި އައިލެންޑް ޕްރެޒިޑެންޓް" ކެނެޑާގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގެ ޕީޕަލްސް ޗޮއިސް، ބެސްޓް ޑޮކިއުމެންޓްރީ އެވޯޑް ލިބިއްޖެ އެވެ.
ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު ޑޮކިއުމެންޓްރީ އަކަށް ދި އައިލެންޑް ޕްރެޒިޑެންޓް ހޮވާފައި ވަނީ، ބެލުންތެރިންގެ މެދުގައި ނެގި ވޯޓުންނެވެ. މިމަހުގެ 10 ވަނަ ދުވަހު ޓޮރޮންޓޯގައި ޕްރިމިއާކުރި އެ ފިލްމަށް ދުނިޔޭގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ. އަދި ފާޑުކިތުންތެރިންގެ ތައުރީފް ވެސް ދަނީ އޮހެމުންނެވެ.
އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ އެކްޗުއަލް ފިލްމްސް އިން ޕްރޮޑިއުސްކޮށް، އަދި މަޝްހޫރު ޑޮކިއުމެންޓްރީތަކެއް މީގެ ކުރިން ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ޖޯން ޝެންކް ޑައިރެކްޓްކުރި އައިލެންޑް ޕްރެސިޑެންޓް އިން ރައީސް ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީގެ އިތުރުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދުގެ އިތުރުން ސަރުކާރުން އިތުރު އޮފިޝަލުން ފެނިގެންދެ އެވެ.
އެ ފިލްމް ހާއްސަކޮށްފައިވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ނުރައްކާތަކަށެވެ. އަދި އެ ނުރައްކަލުން ސަލާމަތްވުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުތަކަށެވެ. އެގޮތުން ދުނިޔޭގެ ލީޑަރުންނާއެކު އެމަނިކުފާނު ބޭއްވެވި ބައްދަލުވުންތަކާއި މަޝްވަރާތައް ވެސް އެފިލްމުން ދައްކަ އެވެ. އަދި ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ މަންޒަރުތައް ވެސް ފެނެ އެވެ.
ފެސްޓިވަލްގެ އެންމެ މޮޅު ފިލްމަކަށް ހޮވުނީ ލުބްނާންގެ ޑައިރެކްޓަރު ނާދިން ލަބަކީގެ "ވެއާ ޑޫ ވީ ގޯ ނައު" އަށެވެ.
އުތުރު އެމެރިކާގެ އެންމެ ބޮޑު ފިލްމް ފެސްޓިވަލްގެ ގޮތުގައި ފާހަގަކުރެވޭ ޓޮރޮންޓޯ ފިލްމް ފެސްޓިވަލްގަ ވަނަ ތަކަށް އަންނަ ފިލްމްތަކަށް މީގެ ކުރިން ވަނީ ގިނަ އޮސްކާ އެވޯޑްތައް ލިބިފަ އެވެ. އޭގެ ތެރޭގައި ސްލަމް ޑޯގް މިލިއަނާ އާއި ބްލެކް ސްވޯން ފަދަ ފިލްމްތައް ހިމެނެ އެވެ.