19 Aug 2018, 11:46
ވޮޝިންޓަން (އޮގަސްޓު 19): މިމަހުގެ ނުވައެއްގައި ޔަމަނުގެ ސްކޫލު ބަހަކަށް ހަމަލާ ދީފައި ވަނީ އެމެރިކާ އިން ސައުދީ އަރަބިއާއަށް ވިއްކާފައިވާ ބޮމަކުން ކަމަށް ސީއެންއެން އިން ބުނެފި އެވެ.
ޔަމަނުގެ ނޫސްވެރިންނާއި ހަތިޔާރާ ބެހޭ މާހިރުންނާ ހަވާލާދީ ސީއެންއެން އިން ބުނާ ގޮތުގައި، 40 ކުޑަކުދިންނާއި 11 މީހަކު ޝަހީދުކޮށްލި އެހަމަލާ ދީފައި ވަނީ އެމެރިކާގެ ހަތިޔާރު އުފައްދާ ކުންފުންޏެއް ކަމަށްވާ ލޮކްހީޑް މާޓީންއިން އުފައްދާފައިވާ ބޮމަކުންނެވެ.
އަދި އެބޮމަކީ 227 ކިލޯ ގުރާމުގެ، ލޭޒާ ގައިޑެޑް އެމްކޭ 82 ބޮމެއް ކަމަށާއި އެބޮން ވިއްކާފައި ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ސައުދީ އަރަބިއާއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ކަމަށް ސީއެންއެންގައިވެ އެވެ.

ޔަމަނުގެ ސްކޫލު ބަހަކަށް ދިން ހަމަލާގައި 40 ކުޑަކުދިން ޝަހީދުވި --- ފޮޓޯ: އޭއެފްޕީ
މީގެ ކުރިން 2016 ވަނަ އަހަރު ވެސް ސައުދީ އަރަބިއާ އިން ޔަމަނަށް ހަމަލާ ދިނުމަށް އެފަދަ ބޮމެއް ބޭނުންކޮށްފައިވެ އެވެ. އެ އަހަރުގެ އޮކްޓޯބަރު މަހު ސައުދީން ޔަމަނުގެ ޖަނާޒާއަކަށް ދިން ހަމަލާއެއްގައި 155 މީހަކު މަރުވި އެވެ. ސައުދީ ކޯލިޝަނުން ވަނީ އެހަމަލާގެ ޒިންމާ ނަގައި، އެއީ ސައްހަ ނޫން މައުލޫމާތު ލިބުމުން ދެވުނު ހަމަލާއެއް ކަމަށް ބުނެފަ އެވެ.
އެހަމަލާއާ ގުޅިގެން، އޭރު އެމެރިކާގައި އޮތް ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ސައުދީ އަރަބިއާއަށް ލޭޒާ ގައިޑެޑް ހަތިޔާރު ވިއްކުން މަނާކުރި އެވެ. ނަމަވެސް މިދިޔަ އަހަރު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން އެގަވާއިދު އުވާލެއްވި އެވެ.
އަދި މިދިޔަ އަހަރު ރައީސް ޓްރަމްޕް ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، އެގައުމަށް 110 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެއްބަސްވުމެއް ހައްދަވައިފަ އެވެ.