18 Aug 2018, 23:18
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަހުމަދު އަބްދުﷲގެ އަމިއްލަ އޮފީހުން ފައިސާތަކެއް ފޭރިގެންފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ރޭގެ ވަގުތެއްގައި، އަހުމަދު ޢަބްދުﷲގެ އަމިއްލަ ވިޔަފާރީގެ މަސައްކަތް ހިންގާ އޮފީހަށް ވަޅި ހިފައިގެން ގްރޫޕަކުން ވަދެ، އޮފީހުގައި އެވަގުތުހުރި މުއައްޒަފު ރަހީނުކޮށް އޭނާގެ މޫނު ނިވާ ކުރުމަށް ފަހު އަތާއި، ފައި ބަނދެ، 36،500ރ. އާއި ދެ ލެޕްޓޮޕް ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ އިތުރުން އެ އޮފީހަށް ބޮޑެތި ގެންލުންތަކެއް ދީފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.
ވައްކަން ކުރުމަށް ފަހު، އަހުމަދު އަބްދުﷲ ”ދުއްވާލާނެ“ ކަމަށް ބުނެ، ރަހީނުކުރި މުވައްޒަފަށް އިންޒާރުދިން ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.
އެނގިފައިވާ ގޮތުގައި މިކަން ހިނގީ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އެ މީހުން އޮފީހަށް ވަނީ، އަހުމަދު އަބްދުﷲ އޮފީހުގައި ހުންނެވުމަށް ފަހު ގެއަށް ވަޑައިގެންނެވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށް ވެއެވެ.
އެމްޑީޕީން ބުނީ އެ ހާދިސާ ފުލުހަށް ރިޕޯޓުކުރުމުން ފުލުހުންގެ ޓީމަކުން މަސްއަލައިގެ ރިޕޯޓުނަގާ، ކުށުގެ ވެށިން ފޮރެންސިކް ހެކި ހޯދުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި މި މައްސަލާގައި ހިމެނޭ ފަރާތްތައް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންނަށާއި، ކަމާބެހޭ ފަރާތްތަކަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.
އެ ޕާޓީން ބުނީ، މިއީ ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް، އެމްޑީޕީގެ ލީޑާޝިޕުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންގެ މަސައްކަތް ހުއްޓުވަން، ބިރު ދެއްކުމަށް ބަޔަކު ކުރި ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
މި ކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.