ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ ރަނިންމޭޓުންނަށް އެމްއެންޑީއެފުން ސެކިއުރިޓީ ދޭން މިއަދު ފަށައިފި އެވެ.

އިންތިހާބުގެ ގާނޫނުގައި ބުނެފައިވަނީ، އިންތިހާބަށް ކުރިމަތިލާ ބޭފުޅުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އަންގައި އިއުލާނުކުރާ ދުވަހުން ފެށިގެން، އެއިންތިހާބެއްގެ ފަހުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވާ މީހާ، އެ މަގާމާ ހަވާލުވަންދެން ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންނާއި އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމަށް ކުރިމަތިލާމީހުންނަށް ދައުލަތުގެ ހަރަދުގައި ސެކިއުރިޓީ ދޭން ޖެހޭނެ ކަމަށެވެ.

އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް މިއަދު ވަނީ ތަރުތީބުކޮށްފައެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީނާއި، ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ލިބިފައިވަނީ ކެންޑިޑޭޓު ނަންބަރު އެކެކެވެ.

އިދިކޮޅު އިއްތިހާދުގެ ފަރާތުން އިންތިހާބުގައި ވާދަ ކުރައްވާ ހިންނަވަރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) އާއި ރަނިންމޭޓު، ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމުގެ ކެންޑިޑޭޓު ނަންބަރަކީ ދެއެކެވެ.