19 Sep 2011, 23:55
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއުލާން ކުރެއްވި 8500 ޒުވާނުން ތަމްރީންކުރުމުގެ ހާއްސަ ޕްރޮގްރާމްގައި ތަމްރީންދިނުމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ނުވަ ފަރާތެއް ހޮވައި، އެފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ތަމްރީނު ހިންގުމަށް ހަވާލުކޮށްފައިވަނީ ސައިރިކްސް ޓްރެއިނިންގް ސެންޓަރާއި ސެންޓަރ ފޯ ކެރިޔާ އެންޑް ޓްރެއިނިންގް އެޑިޔުކޭޝަން (ސީ.ސީ.ޓީ.އީ) އާއި މޯލްޑިވްސް ޕޮލިޓެކްނިކާއި ވިލާ ކޮލެޖާއި ބަޔާން ޓްރެއިނިންގް ސެންޓަރާއި ކްލިކް ކޮލެޖާއި ފިޝަރީޒް ޓްރެއިނިންގް ސެންޓަރ އާއި އެމްއެން.ޑީއެފް އާއި ކްލިކް ކޮލެޖް/އެންސީސް އާ އެވެ.
އެއްބަސްވުމުގައި ސޮއިކުރާތާ ދެ ހަފްތާގެ ތެރޭގައި ތަމްރީން ފެށަން ޖެހޭނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ. އަދި އެތަމްރީންތަކުގައި 13 ކޯހެއްގައި 630 ޒުވާނުންނަށް ތަމްރީން ދެވޭނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުނެ އެވެ.
ތަމްރީނުގެ ދާއިރާތަކުގެ ތެރޭގައި ފްރޮންޓް އޮފީސް، ވެލްޑިންގް، ހެވީ ވެހިކަލް އޮޕަރޭޝަން އާއި އިލެކްޓްރީޝަން، ޑިޖިޓަލް އެނިމޭޝަން، އަދި ފިޝް ޕްރޮސެސިންގް، އާއި ފުޑް ޕްރޮސެސިންގްގެ ދާއިރާތައް ހިމެނެ އެވެ.
އެ ތަމްރީނު ތައް ހިންގާނީ މާލޭ އާއި ވިލިމާލެއާއި ހދ. ކުޅުދުއްފުށި، ހއ. ދިއްދޫ، ހއ. ހޯރަފުށި، ގދ. ތިނަދޫ، ސ. ހިތަދޫ، ގއ. ވިލިގިލީ އަދި ސަން އައިލެންޑް އެންޑް ސްޕާގަ އެވެ. އެ ތަމްރީންތައް ހިންގާނީ ސެޓްފިކެޓް ލެވަލް އަށެވެ.