19:00


އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކެވިން ރަޑްގެ ދަޢުވަތަކަށް، އޮސްޓްރޭލިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިރޭ ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ބޮޑުވަޒީރު ކެވިން ރަޑާއި، ގަވަރނަރ ޖެނެރަލް ކުއެންޓިން ބްރައިސްއާ ބައްދަލުކުރައްވާނެ ކަމަށާއި މީގެ އިތުރުން، އޮސްޓްރޭލިއާ ސަރުކާރުގެ އިސްވެރިންނާއެކު ވާހަކަފުޅުތައް ބާއްވަވައި، ކެންބަރާގައި ކިޔަވަންތިބޭ ދިވެހި ކުދިންނާ އެމަނިކުފާނު ބައްދަލުކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.


ރައީސުލްޖުމްހޫރިއްޔާ އޮސްޓްރޭލިއާއަށް މިކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ޚަރަދުގެ ބޮޑުބައި ހަމަޖައްސަވައިދެއްވަނީ އޮސްޓްރޭލިއާ ސަރުކާރުން ކަމަށާއި ދިވެހި ސަރުކާރުން ކުރުމަށް ހަމަޖެހިފައިވާ ޚަރަދަކީ، ރައީސުލްޖުމްހޫރިއްޔާގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން، އޮސްޓްރޭލިއާއަށް ވަޑައިގަތުމާއި އެނބުރިވަޑައިގަތުމުގެ ޓިކެޓް ޚަރަދު ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.


ރާއްޖޭގެ މާލީ ހާލަތަށް ކުރިމަތިވެފައިވާ ދަތިކަން ކުޑަކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޤައުމުން ބޭރަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުތައް ކުރެއްވުން މަދުކުރައްވާނެ ކަމުގައި 2009 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާން ކުރައްވާފަ އެވެ. މިކަން އިޢުލާން ކުރެއްވުމާ ގުޅިގެން، އެކުވެރި ވަރަށް ގިނަ ދައުލަތްތަކުންވަނީ ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރެއްވުމަށް ހަމަޖެހިފައިވާ ވަރަށް ގިނަ ދަތުރުފުޅު ކުރެއްވުމަށް އެހީތެރިކަން ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


މި ގޮތުން 2009 ވަނަ އަހަރުގެ އޮކްޓޯބަރމަހު ރައީސުލްޖުމްހޫރިއްޔާ އިންޑިޔާގެ ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވާފައިވަނީ އިންޑިޔާ ސަރުކާރުން ކަމަށާއި އަދި މިދިޔަ އަހަރު ޑިސެމްބަރުމަހު ކޯޕަންހޭގަންގައި ބޭއްވުނު އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވީ ޔޫރަޕިއަން ޔޫނިއަނުންނާއި އ.ދ.އިން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ރައީސުލްޖުމްހޫރިއްޔާ ޤައުމުން ބޭރަށް ކުރައްވާ ދަތުރުފުޅުތަކަކީ، ރާއްޖެއަށް ވަރަށްގިނަ ފައިދާތަކެއް އެކަމުން ލިބިގެންދާ ދަތުރުފުޅުތަކެއް ކަމަށާއި މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި، ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމާއި، ބޭރުގެ އެހީތެރިކަން ރާއްޖެއަށް ލިބުމުގެ މަގުތައްފަހިވެގެންދާ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.