18 Aug 2018, 21:05
ޔޫތު ސިޓީގެ ގޮތުގައި ސަރުކާރުން ތަރައްގީކުރާ ހުޅުމާލޭގައި މިހާރު ހިނގަމުން އަންނަ ތަރައްގީގެ މަޝްރޫއުތައް ބަލައިލުމަށް، ޒުވާނުންނަށް ޚާއްސަ ހަރަކާތްތަކެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފި އެވެ.
"ޔޫތު ސިޓީ އޯޕަން ޑޭ"ގެ ނަމުގައި އެޗްޑީސީ އިން ފެށި ހަރަކާތުގެ ތެރެއިން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ހިނގާ މަޝްރޫއުތަކާއި، ކުރިއަށް ރާވާފައި ހުރި މަޝްރޫއުތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް، އެ މަސައްކަތްތައް ކުރިއަށްދާ ސައިޓުތަކަށް ޒިޔާރަތް ކުރުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.

ހުޅުމާލޭގައި ކުރިއަށްދާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ސެޝަނުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ
މި ހަރަކާތް ފެށުމަށް މިއަދު ވަނީ، ފަހިވެނި ކޮމިއުނިޓީ ސެންޓަރުގައި އިންޓަރެކްޓިވް ސެޝަންއެއް ބާއްވައިފަ އެވެ. މި ސެޝަންގައި ހުޅުމާލޭގައި ޒުވާނުންނަށް ހުރި ފުރުސަތުތަކާއި، ކުރިއަށް ހުރި މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކޮށް ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮތެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަޅާ ބައެއް އިމާރާތްތަކުގެ މަސައްކަތްތައް ކުރިއަށް ދަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ
އެޗްޑީސީން ބުނީ ހުޅުމާލޭގައި ކުރިއަށްދާ މަޝްރޫއުތައް ބަލައިލުމަށް މާދަމާ ވެސް ޓުއާ އެއް ބާއްވާނެ ކަމަށެވެ. މާދަމާ ހެނދުނު 10 ޖަހާއިރު އެޗްޑީސީ އިމާރާތް އަދި ފެރީ ޓާމިނަލް ސަރަހައްދުން ޓުއާ ފަށާއިރު މެންދުރު ފަހު ފަހިވެނި ކޮމިއުނިޓީ ސެންޓަރުގައި އިންޓަރެކްޓިވް ސެޝަނެއް އަދި އިތުރު ޓުއަ އެއް ހަވީރު އޮންނާނެ އެވެ. އެ ޓުއާގައި ބައިވެރިވުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
Hop on a city tour of Hulhumalé Phase I and Phase II. Book your seats at Youth City Open Day tomorrow 18th Aug 2018 at Fahiveni Community Centre at 1pm!
See you all there!#YouthCityOpenDay#HDCMaldives#Hulhumalépic.twitter.com/93iAPIDOh8— HDC (@hdcmaldives)August 17, 2018
އެޗްޑީސީން ބުނީ ކުރިއަށް ތަނުގައި، އެކި އުމުރުފުރާތަކަށް ޚާއްސަ ކޮށްގެން މިފަދަ ސެޝަންތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.