19 Sep 2011, 19:30
ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗްގެ ސިޓީ ސްކޭން ހަދާ މެޝިން ހަލާކުވެ، ހިދުމަތް މެދުކަނޑިފައި ހުންނަތާ މަހެއްހާ ދުވަސްވެއްޖެ އެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި އެ މެޝިން ހަލާކުވީ މިދިޔަ އޯގަސްޓް މަހުގެ 25 ގައެވެ. އެފަހަރު މެޝިނަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު މިދިޔަ ހަފުތާ ތެރޭގައި ޓެސްޓު ކުރިއިރު މެޝިނަށް އިތުރު މައްސަލަތަކެއް ވަނީ ދިމާވެފައި ކަމަށް ވެސް އައިޖީއެމްއެޗް އިން ބުންޏެވެ.
"މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ. އަދި މިހިނގާ ހަފްތާތެރޭގައި ސީޓީ ސްކޭންގެ މަސައްކަތް މުޅިން ނިމި، މިއަންނަ ހަފުތާ ތެރޭ ހިދުމަތް ދޭން ފެށޭނެ ވާހަކަވެސް ދަންނަވަމެވެ،" އައިޖީއެމްއެޗް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެ މެޝިނުގެ ވޮރަންޓީގެ މުއްދަތު މި މަހުގެ ނިޔަލަށް ލިބިފައިވާތީ، މެޝިނު މަރާމާތުކުރަން އިތުރު ހަރަދުތަކެއް ނުހިނގާ ކަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ.
ސިޓީ ސްކޭންގެ ހިދުމަތް މެދުކެނޑިފައި އޮތުމުން އެހިދުމަތް ހޯދާ މީހުންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފަ އެވެ. އަދި އޭޑީކޭ އިން ސީޓީ ސްކޭން ހައްދަން އެދޭ ފަރާތްތަކުގެ އަދަދު ގިނަވެ، އެ ހޮސްޕިޓަލަށް ވަނީ ބާރުބޮޑުވެފަ އެވެ.
އައިޖީއެމްއެޗުގައި ބަޔާނުގައިވަނީ، އެކަމުގެ ސަބަބުން ބަލިމީހުންނަށް ދިމާވަމުންދާ ދަތިތަކަށް މައާފަށް އެދިފަ އެވެ.