18 Aug 2018, 14:37
ރައީސް އަބްދުﷲ ޔާމީނަކީ ދޮގުހަދާ މީހެކޭ ގޮވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަދުގަންނަން ޖެހޭނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ރޭ 'ރުމާލު 2' ޖަގަހާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ. ނިހާން ވިދާޅުވީ ނަޝީދުވަރުގެ ދޮގުހަދާ މީހަކު ދިވެހި ފަސް ގަނޑަށް އުފަން ނުވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ފަސް ގަނޑުގައި، ހިކިފަސްވީ އެއްވެސް ތަންކޮޅެއްގައި. އުފަން ނުވާނެ ކެނެރީގޭ މުހައްމަދު ނަޝީދަށް ވުރެ ބޮޑު ދޮގުވެރިޔަކު. އޭނައަށް ވުރެ ބޮޑަށް ދޮގުތައް ހެދި މީހަކު." ނިހާން ވިދާޅުވި އެވެ.
ނަޝީދު ދޮގު ހެދި ގަޑިޔާއި ސަނަތާއި އެނގޭނެ ލިޔުންތެރިން ތިބޭނެ ކަމަށް ނިހާން ވިދާޅުވި އެވެ. ނަޝީދު ހެއްދެވި ދޮގުތަކުގެ މައްޗަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު "ދޮގު ފޮތެއް" ނެެރުއްވި ކަމަށާއި އެއީ އެންމެން ދަންނަ ހަގީގަތެއް ކަމަށް ނިހާން ވިދާޅުވި އެވެ.
އޮގަސްޓް 17، 2018: ޕީޕީއެމްގެ ފަރާތުން ރުމާލް 2 ޖަގަހާގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އިންސާނުންގެ ތެރޭން ކޮންކަހަލަ ދަރަޖައަކަށްތޯ މިމީހާގެ ކަންތައް މިހިރީ. އެކަމު މިއަދު އޭނަ އަޅުގަނޑުމެންގެ މިއަދުގެ ރައީސަށް އަޅުގަނޑުމެންގެ ގައުމުގެ ފަހުރުވެރި ރައީސަށް. ދޮގުހަދާ މީހެކޭ ގޮވަން އަޅެ ލަދެއް ނުގަނޭތަ." ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ކުރީގެ ރައީސް މައުމޫނާ ބެހޭ ގޮތުން ދޮގު ވާހަތަކެއް ދައްކާ ރައީސް މައުމޫނާ ދެކޮޅަށް މަގުމައްޗަށް މީހުން ނެރުނީ ނަޝީދު ކަމަށާއި އެކަމަކު މިއަދު އެމްޑީޕީ ޖަގަހާގައި ޖަހަނީ "ތިޔައީ ޒައީމޭ" ލަވަ ކަމަށެވެ.
"މިއަދު މި ޖެހުނީ ތިޔައީ ޒައީމޭ ދިވެހި ގައުމު އަދު ފަހުރިވާ ޖަހަން ޖަގަހާގައި. ކޮބާ ލަދު. އަދި ވެސް އަޅުގަނޑުމެން އަޅުގަނޑުމެންގެ އޭރުގެ ލޮބުވެތި ޒައީމުގެ ވާހަކައެއް ނުދައްކަން. ހަމަ ތިބީ ރީއްޗަށް. އެމަނިކުފާނު ވެސް އައްޗިކޮށް އުޅުއްވީމަ އެއޮތީ ގާނޫނީ އިމުގެ ތެރޭގައި ގޮޅީގައި،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވާ ގޮތުން ނަޝީދު އުޅުއްވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ލޮޓިއެއް ދެއްވާށެވެ.
އޮގަސްޓް 17، 2018: ޕީޕީއެމްގެ ފަރާތުން ރުމާލް 2 ޖަގަހާގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ނިހާން ވިދާޅުވީ އިބޫ ރައީސްކަމަށް ގެންނަން ބޭނުންވެގެން ހިންނަވަރު މީހުން ވޯޓު ދެއްވާ ނަމަ އެއީ ބާތިލު ވޯޓެއް ކަމަށެވެ. އިބޫއަށް ކެންޑިޑޭޓްކަން ދީގެން އުޅެނީ އިބޫ ރައީސް ކަމަށް ގެންނަން ބޭނުންވެގެން ނޫން ކަމަށާއި އިބޫގެ ބޮލަށް އެރިގެން އެކަން ކުރުވާފައި ވެރިކަން ދަމައިގަތުމުގެ ބޭނުމުގައި ކަމަށް ނިހާން ވަނީ ތުހުމަތު ކުރެއްވި އެވެ.
"ވިދާޅުވެ ދެއްވާ ވަރަށް ސާފުކޮށް ތިމަންނާމެން ކުރިމަތި މިލަނީ ހިތްސާފުކަމާ އެކު އެއްވެސް ކަހަލަ ބައި އަތު ހިފުމެއް ނެތި އެއްވެސް ކަހަލަ ބިރުދެއްކުމެއް ނެތި. ބަޑިން ބިރުދެއްކުމެއް ނެތި. ވަޅިން ބިރުދެއްކުމެއް ނެތި. ފަސް އަހަރުގެ ވެރިކަމަކަށޭ ކުރިމަތި ލައިގެން މިއުޅެނީ." ނިހާން ވިދާޅުވި އެވެ.
ނިހާން ވަނީ ޕީޕީއެމްގެ މެމްބަރުންގެ ކިބައިން ފޯރީގައި ހިފެހެއްޓުމަށް އެދި ވަޑައިގެންފަ އެވެ. އަދި ވިދާޅުވީ "ކަންމަތީގައި ދޮޅި ދަށަށް އަތްލާ ޒުވާބުކުރަން ޖެހިއްޖެ ނަމަ އެހިސާބަށް ވެސް ދާންވާނެ" ކަމަށެވެ.