މިރޭ ޗެލްސީގެ ދަނޑު، ސްޓޭމްފޮޑް ބްރިޖުގައި އެ ޓީމާއި އާސެނަލް ބައްދަލު ކުރާ މެޗުގައި ޗެލްސީގެ މިޑްފީލްޑަރު ސެސްކް ފެބްރިގާސް އަށް ނުކުޅެވޭނެ ކަމަށް އެ ޓީމުުގެ ކޯޗު މައުރީޒިއޯ ސަރީ ބުނެފި އެވެ.

ސަރީ ބުނީ ފެބްރިގާސްއަށް އަނިޔާވުމުގެ ސަބަބުން މިރޭގެ މެޗުގައި އޭނާއަށް ނުކުޅެވުނު ނަމަވެސް އޭނާގެ އަނިޔާ ސީރއަސް ނޫން ކަމަށާއި އޭނާ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ނުހުންނާނެ ކަމަށެވެ.

ފެބްރިގާސްއަށް އަނިޔާވެފައިވީ ނަމަވެސް އޭނާގެ އަނިޔާގެ ތަފްސީލެއް ސަރީ ނުދެ އެވެ. އޭނާ ބުނީ ފެބްރިގާސްގެ ކަކުލު ކައިރިއަށް ތަދެއް އަރާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކަކުލުގެ އަނިޔާއެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ފެބްރިގާސްއަށް ނުކުޅެވޭނެ ކަން ކަށަވަރުވެފައިވާ އިރު އޭނާގެ ބަދަލުގައި މިރޭގެ މެޗަށް ނެރޭނީ މެޓިއޯ ކޮވަސިޗް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޗެލްސީގެ ކޯޗު ސަރީ ވަނީ މާދަމާ ކޮވަސިޗްގެ ބޭނުން ހިފިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އޭނާ ބުނީ މެޗުގެ ފުރަތަމަ ނުވަތަ ފަހު 30 މިނެޓުގައި ކޮވަސިޗް ފެނުން އަކަށީގެންވާ ކަމަށެވެ.

މި ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީއާ ގުޅުނު ކޮވަސިޗް އަދި ވާދަވެރި މެޗެއްގައި ޗެލްސީއަށް ކުޅެފައި ނުވެ އެވެ. އެހެން ނަމަވެސް ނިމިގެން ދިޔަ ވޯލްޑް ކަޕްގައި އޭނާ ކްރޮއޭޝިއާގެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އެވެ.

މި ސީޒަނުގެ ފުރަތަމަ ލީގު މެޗުގައިި އާސެނަލް ވަނީ މެންޗެސްޓާ ސިޓީއާ ބައްދަލުކޮށް 2-0ގެ ނަތީޖާއިން ބަލިވެފަ އެވެ. ޗެލްސީގެ ފުރަތަމަ މެޗު ހަޑާސްފީލްޑްއާ ދެކޮޅަށް ކުޅުނު އިރު، އެ މެޗު 3-0ގެ ނަތީޖާއިން ކާމިޔާބު ކުރީ ޗެލްސީ އެވެ.

މިރޭ ޗެލްސީއާ އާސެނަލް ބައްދަލު ކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން 21:30ގަ އެވެ.