މާލޭ ދެކުނު ފަރާތު ނެރަށް އަނެއްކާ ވެސް ލޯންޗެއް އަރައި ލޯންޗު އެއްކޮށް ހަލާކުވެއްޖެ އެވެ.

މާލޭ ދެކުނު ފަރާތު ފަޅުން ނުކުންނަނިކޮށް ތައްޓަށް އެރީ އައިމާ ކޮންސްޓްރަކްޝަންގެ ލޯންޗެވެ.

އައިމާގެ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ މިއަދު ހެނދުނު އައިމާގެ މީހުން ގޮވައިގެން ގުޅީ ފަޅަށް ދަތުރު ކުރި ލޯންޗު ފަރަށް އެރީ އެވަގުތު ނެގި ރާޅަކާ ގުޅިގެން ކަމަށެވެ.

ސަތާރަ މީހުންނާ އެކު ދަތުރު ކުރި އެ ލޯންޗުން ދަތުރު ކުރި އެއްވެސް މީހަކަށް އަނިޔާއެއް، ގެއްލުމެއް ނުވެ އެވެ.

މާލޭ ދެކުނު ފަރާތު ނެރަށް މިއަދު އެރި އައިމާ ލޯންޗު: ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި -- ފޮޓޯ/ އެމްއެންޑީއެފު

ތައިލެންޑްގެ ކުންފުންޏަކުން އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ އެއް ބިލިއަން ޑޮލަރުގެ ރިސޯޓްތަކުގައި ކޮޓަރިތައް އަޅާ ރާއްޖޭގެ އެއް ކުންފުންޏަކީ، އައިމާ ކޮންސްޓަރަކްޝަން އެވެ.

އައިމާގެ އޮފިޝަލު ވިދާޅުވީ ދުވާލަކު 17 ވަރަކަށް ދަތުރު މާލެ އިން އެނބޫދޫ ފަޅަށް އެ ކުންފުނިން ކުރާ ކަމަށެވެ. އަދި މާލޭގެ އުތުރު ފަރާތުގައި ތޮއްޖެހިފައިވާ ވަރުން އެ ކުންފުނީގެ ދަތުރުތައް ކުރަނީ ދެކުނު ފަރާތުން ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ލޯންޗު ފަރަށް އެރީ ނެރުން ނުކުންނަކިކޮށް ޖެހިޖެހިގެން އައި ދެތިން ރާޅާ އެކު ލޯންޗު ކޮންޓްރޯލު ނުވެގެން ގޮސް ތޮށިގަނޑަށް އެރުމުން ކަމަށެވެ.

އޭނާ ވިދާޅުވީ އެނެރު ބަންދު ނުކުރާހާ ހިނދަކު މީހުން ނެރުގެ ބޭނުން ކުރާނެ ކަމަށާއި ނެރުގެ މަސަކަތް ނުނިމޭ ކަމަށްވާ ނަމަ އެންމެ ބުއްދިވެރި ގޮތަކީ ޗޭނެއް ފަދަ އެއްޗެއް ދަމައިގެން ނަމަސް ނެރު ބަންދު ކުރުން ކަމަށެވެ.

"އުތުރު ފަރާތަށް ލޯންޗު އެއްޗިއްސަށް ކައިރި ކުރެވޭވަރެއް ނޫން، ތޮއްޖެހިފައި އޮންނަވަރުން، ދެން ނެރު ހުޅުވާފައި އޮންނަ ނަމަ މީހުން ބޭނުން ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީ އިން ކުރިން ބުނެފައި ވަނީ އެ ނެރުގެ މަސައްކަތް އަދި ނުނިމޭ ކަމަށާއި އެ ނެރު ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ.

މާލޭ ފުއްޓަރު ފަރާތުން ޓެޓްރާ ޕޮޑްތައް ނަގައި ނެރެއް ކެނޑުމުން ގިނަ ބަޔަކު ހައުސިން މިނިސްޓްރީ އަށް ފާޑުކިޔި އެވެ. އަދި މީގެ ކުރިން ވެސް ދެތިން ލޯންޗާއި ދޯނި ފަރަހަރު އެ ނެރަށް އަރައި ބޮޑެތި ގެއްލުންތައް ވަނީވެފަ އެވެ.