ރައްޔިތުންގެ މަޖިލީހުގެ 14 މެންބަރަކު ޕޮރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް )ޕީޕީއެމް( އަށް ސޮއިކުރައްވާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ޕީޕީއެމްގެ ވަގުތީ ސްޕޯކްސް ޕާސަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ ޕީޕީއެމް އުފެއްދުމަށް ކުރާ މަސައްކަތުގައި މަޖިލީހުގެ 14 މެންބަރަކު އެ ޕާޓީއަށް ސޮއިކުރައްވާފައިވާއިރު އަލުން މަޖިލިސް ހުޅުވެންވާއިރަށް މަޖިލީހުގެ އެއަށްވުރެ ގިނަ މެންބަރުން އެ ޕާޓީއަށް ސޮއިކުރައްވާނެ ކަމަށެވެ. އެގޮތުން މަދުވެގެން 20 މެމްބަރުން ހަމަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މަހްލޫފު ވިދާޅުވި އެވެ.

ޕީޕީއެމްއަށް ސޮއި ކުރެއްވެވި މެންބަރުން ކަމަށް މަހުލޫފު ވިދާޅުވި ބޭފުޅުންގެ ތެރޭގައި އޭނާ އާއި މައުމޫންގެ ކޮއްކޯފުޅު މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި، ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދާއި އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން ހަމީދާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ އާއި މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރާއި ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޣަފޫރާއި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހިމް (ގާރީ) އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަފީގު ހަސަން ހިމެނެ އެވެ.

މި ބޭފުޅުންގެ އިތުރުން ލޭބާ ޕާޓީގެ ކުރީގެ ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވެސް ވަނީ މިއަދު ހެނދުނު ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ.

"މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް މަޖިލީހުގެ 14 މެންބަރަކު މިހާރު ވަނީ ގުޅިވަޑައިގެންފަ. މީގެ އިތުރުން އަޅުގަނޑުމެން އުންމީދު ކުރަނީ މަޖިލިސް ހުޅުވެންވާއިރަށް މިއަށްވުރެ ވެސް ގިނަ އަދަދެއްގެ މެންބަރުން މި ޕާޓީއާ ގުޅިގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ ޕީޕީއެމް ރަޖިސްޓްރީ ކުރަން ބޭނުންވާ 3000 މީހުނަށް ވުރެ ގިނަ ފޯމް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށާއި ޕާޓީ ރަޖިސްޓްރީ ކުރުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގައި އެޕޮއިންޓްމަންޓަކަށް ވެސް އެދިފައިވާނެ ކަމަށެވެ. ޕީޕީއެމްއަކީ އެންމެ އަވަސް މުއްދަތެއްގައި ރަޖިސްޓްރީ ކުރެވޭ ޕާޓީ ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ.

ސަރުކާރު ހިންގާ އެމްޑީޕީ ވެރިކަމަށް ގެނައުމުގައި ރައީސް ނަޝީދާއެކު މުޒާހަރާ ކުރި އެކްޓިވިސްޓުން ވެސް ޕީޕީއެމްއަށް ގުޅޭނެ ކަމަށް މަހުލޫފު މިއަދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފަދަ ފަރާތްތައް މިހާރު ވެސް ޕީޕީއެމްއާ ގުޅެމުން އަންނަ ކަމަށާއި ޕީޕީއެމްގައި އެފަދަ "ފަހުލަވާނުންނަށް" ޖާގަ އެބައޮތް ކަމަށެވެ.

"... އެބޭފުޅުންގެ މަސައްކަތުން ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގަތީ. އެއީ އޭގެ މުގުލުގަ ތިއްބެވި ފަރާތްތައް، އަޑީގަތިއްބެވި ފަރާތްތައް، މަގުމަތީގަ މުޒާހަރާ ކުރި ފަރާތްތައް. ގޭގެއަށް ވޯޓް ހޯއްދެވުމަށް ހިންގެވި ފަރާތްތަކުގެ ތެރެއިން ސީނިއާ ބޭފުޅުން، ވަރުގަދަ ފަހުލަވާނުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އަޅުގަނޑުމެންނާ ގުޅެމުންދާކަމީ ހަގީގަތުގައި ވެސް އަޅުގަނޑުމެން ވަރަށް އުފާ ކުރާ ކަމެއް،" މަހުލޫފު ވިދާޅުވި އެވެ.