ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދުގެ ދެ މާއްދާއެއް ވަގުތީގޮތުން ސަސްޕެންޑުކޮށް، ކަނޑުދަތުރުކުރާ އުޅަނދުތަކުގެ ވެރިންނަށް ލުއިތަކެއް ދީފިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "ސަން" އަށް ވިދާޅުވީ އެ ގަވައިދުގެ 19 ވަނަ މާއްދާ އާއި 24 ވަނަ މާއްދާ މުރާޖައާ ކުރުމަށް އެ ދެ މާއްދާ އަށް އަމަލުކުރަން ފަސްކުރަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ނިންމަވާފައިވާ ކަމަށެވެ.

އެގޮތަށް ނިންމެވީ ކަނޑު އުޅަނދުފަހަރުގެ ވެރިންގެ ޝަކުވާތަކުގެ އަޑު އެއްސެވުމަށްފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ގަވައިދުގެ 19 ވަނަ މާއްދާގައި ބުނެފައިވަނީ އުޅަނދުފަހަރުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ ލައިސަންސް އާ ކުރުމަށްޓަކައި، ކިޔަވަން ޖެހޭނެ ކަމަށެވެ. އަދި ގަވައިދުގެ 24 ވަނަ މާއްދާގައި ބުނެފައިވަނީ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް ހަދައި ދިނުމުގެ ކުރިން، އެ އުޅަނދެއް އެހެލައި މަރާމާތުކޮށް، އެކަމުގެ ލިޔުމެއް ހޯދަން ވާނެ ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ލިޔުން ހޯދަން ނުޖެހޭގޮތަށް ނިންމީ ރާއްޖޭގައި ސްލިޕްވޭތަކާއި ޑޮކްޔާޑު އެހާވަރަށް ނެތުމުން މިފަދަ ލިޔުންހޯދަން ދަތިވާތީ ކަމަށެވެ.

"އެ ޝަކުވާތައް އެކި ފަރާތްތަކުން ރައީސަށް ހުށަހެޅުމާ ގުޅިގެން މިވަގުތަށް އެ އަށް އަމަލު ނުކުރަން އެމަނިކުފާނު ނިންމެވީ. މިއީ ކަނޑު އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކަށް ރައީސް ދެއްވި ވަރަށް ބޮޑު ލުޔަކަށް ވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ދިގުމުއްދަތަކުން އަގު ދައްކާގޮތަށް މަސްވެރިންނަށް ދޫކޮށްފައިވާ ދޯންޏާއި އިންޖީނުތަކުގެ ޖޫރިމަނާ ވެސް މައާފްކޮށްދީފަ އެވެ. އަދި ކަނޑުގައި ދުއްވާ ކުދި އުޅަނދުފަހަރުގެ އަހަރީ ފީ އުވާލައި ޖޫރިމަނާ ވެސް ވަނީ މައާފުކޮށްދީފަ އެވެ.