19 Sep 2011, 19:05
މާލޭ ސިޓީ ކައުންސިލްގެ ސަރަހައްދުގައިވާ ދައުލަތުގެ ބިންތަކުގެތެރެއިން ފުރަތަމަ ފިޔަވަހީގައި ހަވާލުކުރެވޭ 32 ބިން، ސިޓީ ކައުންސިލާ މިއަދު ހަވާލުކޮށްފި އެވެ.
މިއަދު ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބިންހަވާލުކުރުމުގެ ލިޔުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިންސްޓަރ މުހައްމަދު އަސްލަމް އެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކެވެ.
އެ ބިންތައް ހަވާލުކުރީ ލޯކަލް ކައުންސިލްތަކުގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދު ގައިވާ ގޮތުގެމަތިން ކަމަށް ސަރުކާރުން ބުނެ އެވެ.
މިއަދު މާލޭ ސިޓީ ކައުންސިލާ ހަވާލުކުރި ބިންތަކުގެ ތެރޭގައި، މަސްމާރުކޭޓް އެޅުމަށްޓަކައި ބޮޑުތަކުރުފާނު މަގު އުތުރުން ހިއްކާފައިވާ ބިމާއި، ހުޅަނގު ދެކުނު ބަނދަރު ސަރަހައްދުގައި ހިމެނޭ ބިންތަކާއި، ސަހަރާތަކާއި، މާލޭ ސިޓީގެ މަގުތަކާއި ހުރިހާ އަވަށު އޮފީސްތައް ހިމެނެ އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންށް މައުލޫމާތު ދެއްވަމުން ހައުސިން މިނސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިތަންތަން ސިޓީ ކައުންސިލާއި ހަވާލުނޮކޮށްފިނަމަ އެ ތަންތަން ތަރައްގީކޮށް ބެލެހެއްޓުމަށް ސިޓީ ކައުންސިލަށް ގާނޫނީ ގޮތުން ދަތިތަކަކާ ކުރިމަތިވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިއަދު މާލޭ ސިޓީ ކައުންސިލާއި މިހަވާލުކުރީ މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސްތަކުގެތެރޭގައި ހިމެނޭ ދައުލަތުގެ ބިމުގެތެރެއިން ދައުލަތުގެ އެކިވުޒާރާ ތަކާއި އެކި މުއައްސަސާގެ ބޭނުމަށް އެފަރާތްތަކާއި ހަވާލުކުރެވިފަނެތް ބިންތަކުގެތެރެއިން އަޅުގަނޑުމެންނަށް މިވަގުތު ހަވާލުކުރެވެން އޮތް 32 ބިމެއް. މި ބިންތައް މާލޭ ސިޓީ ކައުންސިލުން ތަރައްގީކޮށް އެތަންތަން ބަލަހައްޓަމުން ގެންދާނީ ބިމާއިބެހޭ ގާނޫނާއި އަދި ބިމާއި ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ލޭންޑް ޔޫސް ޕްލޭންގަ ކަނޑައެޅިފަހުރި ކަންތައްތަކައް އެތަންތަން ތަރައްގީކުރުމަށް." ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މާލޭ ސިޓީގެ މޭޔަރ މައިޒާން އަލިމަނިކު ވިދާޅުވީ ދުރާލާ ރާވައިގެން ނޫނީ މިތަންތަން ތަރައްގީ ނުކުރެވޭނެ ކަމަށާއި މިތަންތަން ތަރައްގީ ކުރާނީ ސަރުކާރުގެ ޕޮލިސީއާއި އެއްގޮތްވާގޮތުގެ މަތިން ރައްޔިތުންނަށް އެންމެ ފުރިހަމަޔަށް ހިދުމަތް ދެވޭނެގޮތަކަށް ކަމަށެވެ.
"މި ތަންތައް ތަރައްގީ ކުރުމުގައި ސަރުކާރުގެ ޕޮލިސީއާއި އެއްގޮތްވާގޮތުގެމަތިން އެޕޮލިސީތައް ބަލައި އެޕޮލިސީތަގުގަހުރި މާއްދާތަކާއި ޚިލާފުނުވާ ގޮތުގެމަތިން އަޅުގަނޑުމެން ކަންތައްތަށް ކުރިޔަށްގެންދާނަން." މޭޔަރު ވިދާޅުވި އެވެ.