17 Aug 2018, 19:26
މިހާރު އެންމެ "ހޫނު" އެއް ވާހަކައަކީ ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ވާހަކައެވެ. ބޮލީވުޑުގައި ކާމިޔާބުތައް ހޯދުމަށްފަހު ހޮލީވުޑަށްކުރި ދަތުރުގައި ޕްރިޔަންކާ ވަނީ ހޮލީވުޑުން ލައިފް ޕާޓްނަރަކު ހޯދައި ދިރިއުޅުމެއް ފަށަން ތައްޔާރުވެފައެވެ.
ޕްރިޔަންކާ އާއި ލަވަކިޔުންތެރިޔާ ނިކްގެ އެންގޭޖުމެންޓުގެ ވާހަކައަކީ މިހާރުވެސް "ހޮޓް ސްޓޯރީ" އެކެވެ. މީގެ މަސް ދުވަސްކުރިން މި މީހުން ސިއްރުން އެންގޭޖުވުމަށްފަހު އިންޑިއާގައި އެންގޭޖުމެންޓުް ޕާޓީއެއް ބާއްވަން ތައްޔާރުވެފައިވާ ކަމަށާއި މި ޕާޓީއަށް ނިކް އޭނާގެ މައިންބަފައިންނާއެކު މުމްބާއީ އަށް ގޮސްފައިވާކަމަށް ހޮލީވުޑްގެ ހަބަރުތައް ބުނެއެވެ.
ނިކް އޭނާގެ މައިންބަފައިންނާއެކު މުމްބާއީ އަށް ދިޔައީ އެންގޭޖުމެންޓު ޕާޓީ ގައި ބައިވެރިވުމަށާއި ޕްރިޔަންކާގެ އާއިލާ އާ ބައްދަލުކުރުވުމަށް ކަމަށް ޕީޕަލްސް މެގަޒިން އިން ބުނެ އެވެ. ނިކް އޭނާގެ މައިންބަފައިންނާއެކު މުމްބާއީ އެއާޕޯޓަކުން ނިކުންނަ ފޮޓޯތަކެއް ވަނީ އާންމުވެފަ އެވެ. އެއާޕޯޓުން ނިކުތް އިރު އަތުގައި ޓިފެނީ އެންޑް ކޯ ދަބަހެއް އޮތް ކަމަށާއި ނިކް ޕްރިޔަންކާ އަށް ދިން އެންގޭޖުމެންޓް އަނގޮޓި އަކީ އެ ތަނުން ގަތް އަނގޮޓިއެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ޕްރިޔަންކާގެ އެންގޭޖުމެންޓް އަނގޮޓި ވަނީ އަންގާރަ ދުވަހު ދައްކާލައިފަ އެވެ.
މީޑިއާތަކުން ބުނާގޮތުން ނިކް އާއި ޕްރިޔަންކާ މިހާރު ތައްޔާރުވަމުން އަންނަނީ އެމީހުންގެ ކައިވެންޏަށެވެ. އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި 25 އަހަރުގެ ނިކްގެ ކައިވެނި އަންނަ މަހު 16 ގައި ކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މި ކައިވެނީގެ އެއްވެސް އިތުރު ތަފްސީލެއް އަދި މީޑިއާ އަށް ތިލަވެފައެއް ނުވެއެވެ.
ޕްރިޔަންކާ އާއި ނިކްގެ ވާހަކަ އެންމެ ފުރަތަމަ ތިލަވީ 2017ގެ މެޓްގާލާ އަށް ފަހު އެވެ. އެ އިވެންޓަށް އެދެމީހުން ދިޔައީ އެއްކޮށެވެ. އޭގެ ފަހުން ދެމީހުން އެކުގައި ހޭދަކުރާ ވަގުތު ވަނީ ގިނަވެފަ އެވެ. ނިކްގެ ގާތްމީހުން ބުނާގޮތުން މިހާރު ނިކް ހުންނަނީ ވަރަށް އުފަލުންނެވެ.