19 Sep 2011, 18:33
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށާއި ހިޔާލު ބަދަލުކުރުމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދުގެ ލޯ ފާމް، ސުޢޫދް، އަންވަރު އެންޑް ކޯ އިން ސެމިނާރެއް ބާއްވަން ހަމަޖައްސައިފި އެވެ.
ސުއޫދު އަންވަރު އެންޑް ކޯއިން ބުނި ގޮތުގައި، އަންނަ ބުދަ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ނަލަހިޔާ ހޮޓެލްގައި ބާއްވާ އެ ސެމިނާރު އަމާޒުކޮށްފައިވަނީ ރަޖިސްޓްރީ ކުރެވި ހިނގަމުންދާ ވިޔަފާތިތަކުގެ ވެރިންނަށާއި، ސީނިއަރ މެނޭޖްމަންޓް އަދި ފައިނޭންޝަލް އެކްސެކަޓިވްސް އަށެވެ.
މި ސެމިނަރގެ މައިގަނޑު މަގުސަދަކީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ގުޑްސް އެންޑް ސާވިސަސް ޓެކްސް )ޖީއެސްޓީ( ނަގަން ފަށާއިރު،އެގާނޫނާއި ބެހޭގޮތުން ހިޔާލުފާޅުކޮށް، ގާނޫނުގެ ދަށުން ލިބިދޭ ގާނޫނީ ހައްގުތައް ދެނެގަތުމާއި އަދި މިހާރު ހެދިފައިވާ ޓެކްސް ރެޖީމް ފުރިހަމައަށް ދޭހަކޮށްދިން ކަމަށް ވެސް އެ ލޯފާމް އިން ބުންޏެވެ.
ޖީއެސްޓީ ގާނޫނުގެ ދަށުން ޓެކްސްނެގުމުގެ އަސާސާއި އިދާރީ ބައިތަކާއި ޓެކްސް އަދި އެކްސެމްޕްޝަންސް ހިސާބުކުރުމާއި ކުށްތަށް އަދި ކުށުގެ އުގޫބާތްތަކުގެ މައްޗަށް އެ ސެމިނާރުގައި އަލިއަޅުވާލެވޭނެ އެވެ.
އެސެމިނާރުގައި ބައިވެރުވުމުގެ ފީއަކީ 2750ރ. އެވެ. އް ކުންފުންޏަކުން އެއް ބޭފުޅަކަށްވުރެ އިތުރަށް ބައިވެރިވެވަޑައިގަންނަވާނަމަ 10 ޕަސަންޓުގެ ޑިސްކައުންޓެއް ދެވޭނެ ކަމަށް ސުއޫދު އަންވަރު އެންޑް ކޯ އިން ބުނެ އެވެ. ސެމިނާރުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމަށް މިއަދުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
ޖީއެސްޓީ ގާނޫނުގައިވާ ގޮތުން އެއް އަހަރު ދުވަހުގެ ތެރޭ އެއް މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވާ ފަރާތްތަކުން އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން 3.5 ޕަސަންޓުގެ ޖީއެސްޓީއެއް ދައްކަން ޖެހެ އެވެ. އަދި އަންނަ ޖެނުއަރީ މަހުން ފެށިގެން ހަ ޕަސަންޓުގެ ޖީއެސްޓީ ދައްކަން ޖެހެ އެވެ.
ޖީއެސްޓީ ނަގަން ކުޑަތަންވެފައިވާއިރު، އެކަމަށް ތައްޔާރުވުމަށް ލިބުނު ވަގުތު ކުޑަވުމާއި އެކަށީގެންވާ މައުލޫމާތު ލިބިފައިނުވާތީ ވިޔަފާރިވެރިން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ޖީއެސްޓީ ނަގަން ޖެހޭ މުދަލާއި ހިދުމަތްތަކުގެ ލިސްޓު ސާފު ނުވާ ކަމަށް ވެސް ވިޔަފާރިވެރިން ބުނެ އެވެ.