ކުޅުދުއްފުށީގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް އެ ރަށު ފަޅުތަރޭގައި އޮތް ޑިންގީއަކަށް ވެއްޓިއްޖެ އެވެ.

އެ ހާދިސާއާ ބެހޭ ގޮތުން މައުލޫމާތު ދެމުން ކުޅުދުއްފުށީ މީހަކު މިއަދު ސަންއަށް މައުލޫމާތު ދެމުން ބުނީ އެ ހާދިސާ ހިނގީ ރޭ 10:30 އެހާކަންހާއިރު ކަމަށެވެ.

"ރޭ އަޅުގަނޑު ބަންޑާރަމަގުގައި ސައިކަލްގައި އުޅެނިކޮށް އެހެން ސައިކަލަކުން އައިސް އަޅުގަނޑުގެ ސައިކަލްގައި ޖެހުނީ. ޖެހިގެން ވަރަށް ބާރަށް އެ ސައިކަލް ދުއްވާފައި ދިޔައީ. ހީވަނީ ބޮޑަށް ފިލަންވެގެން ހެން. ދުއްވާފައި ދިޔަލެއް ބާރުކަމުން ތޮށިގަނޑު ކޮޅުން ނައްޓައިގެން ގޮސް ފަޅުތެރޭގައި އޮތް ޑިންގީއަކަށް ވެއްޓުނީ." ކުޅުދުއްފުށީ މީހާ "ސަން" އަށް ކިޔައިދިނެވެ.

އެ ހާދިސާގައި އެ ސައިކަލުގެ ފަހަތުގައި އިން މީހާ ވަނީ މޫދަށް ވެއްޓުމުގެ ކުރިން ސައިކަލުން ފުންމާލައިފަ އެވެ.

އެ ހާދިސާގައި ދެ ސައިކަލަށާއި އަދި ޑިންގީއަށް ވެސް ވަނީ ގެއްލުންވެފަ އެވެ. އަދި ސައިކަލް ދުއްވަން އިން މީހާ ވަނީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފަ އެވެ.

އެ ހާދިސާއާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.