މިނިވަން ދައުލަތަކަށް ވާން ފަލަސްތީނުން ކުރަމުން ގެންދާ މަސަައްކަތްތަކަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދިނުމަށް އެދި ޑީއާރްޕީން ސަރުކާރުގައި އެދިއްޖެ އެވެ.

ޑީއާރުޕީން ފޮރިން މިނިސްޓަރު އަހްމަދު ނަސީމަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނަނީ މިނިވަން މުސްތަގިއްލު ދައުލަތެއް ގޮތުގައި ފަލަސްތީން ގާއިމްކުރުމަށް އެ ދައުލަތުން ކުރަމުން ގެންދާ މަސަައްކަތްތަކަށް ދިވެހި ރާއްޖޭން ފުރިހަމަ އެއްބާރުލުމާއި ތާއީދު ރާއްޖެއިން ދިނުމަށެވެ.

ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ސޮއިކުރައްވާ ފޮނުވާފައިވާ ސިޓީގައިފަލަސްތީނުގެ މިނިވަން ދައުލަތާ ބެހޭ ގޮތުން އދ. ގައި ކުރިޔަށްގެންދާ މަޝްވަަރާ ބައްދަލުވުންތަކުގައި ފަލަސްތީނަކީ އދ. ފުރިހަމަ މެމްބަރު ގައުމެއްގެ މަގާމް ލިބިފައިވާ މިނވަން މުސްތަގިއްލު ދައުލަތަކަށް ވުމަށް މަގުފަހިވާނޭ ގޮތަށް ރާއްޖެއިން ވަކާލާތު ކޮށްދިނުމަށާއި އެކަމަށް ނަގާ ވޯޓް ތަކުގައި ފަލަސްތީނާއި އެއްކޮޅަށް ރާއްޖެއިން ވޯޓް ދިނުމަށް ވެސް އެ ސިޓީގައި ތަސްމީން އެދިވަޑައިގެންފައި ވެއެވެ.

"... މިއީ ދިވެހިރާއްޖޭގެ އެއްމެހާ ލޮބުވެތި ރައްޔިތުން ވެސް އެދިވަޑައިގަންނަވާނެ ގޮތް ކަމުގައި ޑީއާރްޕީން ގަބޫލު ކުރަމެވެ،" ސިޓީގައި ވެއެވެ. އަދި ބުނެފައި ވަނީ މި ކަމުގައި ރާއްޖެއާ ރަހުމަތްތެރި ގައުމުތަކުގެ ތާއީދު ހޯދަން ސަރުކާރުން މަސައްކަތް ކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.

ފަލަސްތީނުގެ މައްސަލައާ މެދު ގޮތެއް ނިންމާނީ މާދަމާ ފަށާ އދ. ގެ އާއްމު ބައްދަލުވުމުގަ އެވެ. ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ތާއީދު ކުރާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.