19 Sep 2011, 18:18
ރާމަﷲ (ސެޕްޓެމްބަރ 19) : ފަލަސްތީނުގެ މިނިވަން ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ހޯދުމުގެ ހުށަހެޅުން އދ. އަށް ހުށަހެޅުމަށްޓަކައި ފަލަސްތީނުގެ ރައީސް މަހްމޫދް ޢައްބާސް އެމެރިކާގެ ނިޔުޔޯކަށް ވަޑައިގެންފިއެވެ. ޢައްބާސްގެ އަރިހުގައި ފަލަސްތީނުގެ ޑިޕްލޮމޭޓުންނާއި ތަޖްރިބާކާރުންގެ ވަފުދެއްވެސް ގެންދެވިއެވެ.
މި ދަތުރުފުޅުގެ ތެރޭގައި ދެއްވި ބަޔާނެއްގައި ޢައްބާސް ވަނީ އދ. ގެ ފުރިހަމަ މެންބަރަކަށް ވުމަށް އެދި ފަލަސްތީނުން އދ. ށް ހުށަހަޅާ ހުށަހެޅުމަށް ތާއީދުކުރުމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލު ކުރުމަށް އިސްރާއީލުގެ ސަރުކާރަށް ގޮވާލައްވާފައެވެ. ޢައްބާސް، އިސްރާއީލުގެ ބޮޑުވަޒީރަށާއި އޭނާގެ ސަރުކާރަށް އިލްތިމާސް ކުރެއްވީ ފަލަސްތީނުގެ މިނިވަން ދައުލަތް ޤަބޫލުކުރުމަށާއި އދ. ގެ ފުރިހަމަ މެންބަރަކަށް ވުމަށް އެދި ފަލަސްތީނުން އދ. ށް ހުށަހަޅާ ހުށަހެޅުމަށް ތާއީދުކޮށް އެހެން ޤައުމުތަކެކޭ އެއްގޮތަށް އިސްރާއީލުންވެސް ވޯޓު ދިނުމަށެވެ.
އިސްރާއީލުގެ 500 އަށްވުރެ ގިނަ މުފައްކިރުންނާއި ޢިލްމީ ބޭފުޅުންވަނީ ފަލަސްތީނުގެ މިނިވަން ދައުލަތް ޤަބޫލުކުރުމަށާއި އދ. ގެ ފުރިހަމަ މެންބަރަކަށް ވުމަށް އެދި ފަލަސްތީނުން އދ. ށް ހުށަހަޅާ ހުށަހެޅުމަށް ތާއީދުކުރުމަށް އިސްރާއީލު ސަރުކާރަށް ގޮވާލައްވާފައެވެ. ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް އަނބުރައިނުދީ އިސްރާއީލަށް އަމާންކަމާއި މުސްތަޤްބަލް ނުލިބޭނެކަމަށް ވިދާޅުވެ އިސްރާއީލުގެ 500 އަށްވުރެ ގިނަ މުފައްކިރުންނާއި ޢިލްމީ ބޭފުޅުންވަނީ ބަޔާނެއް ނެރުއްވާފައެވެ.
އިސްރާއީލުގެ މުފައްކިރުންގެ ގޮވާލެއްވުމަށް އިޖާބަދެއްވައި ފަލަސްތީނުގެ މައްސަލަ ސުލްޙަވެރިކަމާއެކު ޙައްލުކުރުމުގައި އެހީތެރިވެދިނުމަށް ޢައްބާސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތނިޔާހޫއަށް އިލްތިމާސް ކުރެއްވިއެވެ.
ނަމަވެސް އިސްރާއީލާއި އެމެރިކާ ގެންދަނީ ފަލަސްތީނުގެ ދައުލަތަށް ހުރަސްއަޅައި އެދައުލަތަށް އދ. ގެ މެންބަރުކަން ނުދިނުމަށް ކުރެވެންހުރި މަސައްކަތެއް ކުރަމުންނެވެ. އެމެރިކާވަނީ ފަލަސްތީނުގެ ދައުލަތަށް އދ. ގެ މެންބަރުކަން ދިނުމާ ދެކޮޅަށް ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. -- އަލްޖަޒީރާ