ވަކި ފިކުރެއް ނުބަލައި ގދ ތިނަދޫގެ ހުރިހާ ރައްޔިތުންނަށް ބައްދަލު ކުރައްވާނެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންގް މޭޓް ޑރ މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު އެރަށަށް ވަޑައިގެން ވިދާޅުވެއްޖެ އެވެ.

ތިނަދޫއިން ޝަހީމަށް މިއަދު ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. ތިނަދޫގައި ރައީސް އަބްދުﷲ ޔާމީން ގާއިމް ކުރައްވާ އިސްލާމީ މަރުކަޒު ކައިރީ ހުއްޓި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ އޭނާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެންނާވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.

ޝަހީމް ވިދާޅުވީ ތިނަދުއަކީ ރައީސް ޔާމީން ވަރަށް ބޮޑު މުހިންމު ކަމެއް ދެއްވައިގެން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަވާ ރަށެއް ކަމަށެވެ.

ޝަހީމް މިއަދު ތިނަދުއަށް ވަޑައިގަތުމުން އެރަށުގެ ޕީޕީއެމް ސަޕޯޓަރުން މަރުހަބާ ދަންނަވަނީ --- ފޮޓޯ/ ޕީޕީއެމް

" އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ވަރަށް ބޮޑު މުހިންމު ކަމެއް ދެއްވާ މިރަށުގެ ތަރައްގީއާ ކުރިއެރުމަށް. އެހެން ކަމުން މިރަށުގެ އެކި އެކި އުމްރާނީ މަޝްރޫއުތަކާއި ތަރައްގީގެ ވަރަށް ގިނަ ވަސީލަތްތައް ގާއިމް ކުރަމުން ދަނީ" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީން ތިނަދޫގައި ހިންގަވާ ތަރައްގީގެ މަޝްރޫއުތަކުގެ އެންމެ މުހިންމު ރަމްޒަކީ އެރަށުގައި ގާއިމް ކުރާ އިސްލާމީ މަރުކަޒު ކަމަށެވެ. އެރަށުގައި އިސްލާމީ މަރުކަޒު ގާއިމް ކުރުމަށް ރައީސް ޔާމީން ނިންމެވީ ވަރަށް މާތް މަގުސަދެއްގައި ކަމަށް ޝަހީމް ވިދާޅުވި އެވެ.

" އެއީ ހުވަދު އަތޮޅުގެ އެންމެހާ ރައްޔިތުންނަށް އިސްލާމީ ތައުލީމާއި އިސްލާމީ ސަގާފަތް ފޯރުކޮށްދެއްވުން. މި މަރުކަޒު މި ގާއިމް ކުރެއްވިފައިވަނީ މިސްކިތާއެކު ހޯލާއި ކިލާސް ރޫމުތަކާއި ލައިބްރަރީއާއި މި ފަދަ ވަސީލަތްތައް މިތާ ގާއިމް ކުރުމާ އެކީ" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ފާހަގަ ކުރެއްވި ގޮތުން އެއީ ރާއްޖޭގެ އަތޮޅެއްގައި ގާއިމް ކުރެވޭ އެފަދަ އެންމެ ފުރަތަމަ އިސްލާމީ މަރުކަޒެވެ. "އެ ޝަފާއި ފަހުރު މި ލިބުނީ ގދ ތިނަދޫއަށް" ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް މިއަދު ތިނަދުއަށް ވަޑައިގަތުމުން އެރަށުގެ ޕީޕީއެމް ސަޕޯޓަރުން މަރުހަބާ ދަންނަވަނީ --- ފޮޓޯ/ ޕީޕީއެމް

ޝަހީމް ވިދާޅުވީ އެތަން ނިމުމުން އެތަނުގައި އިސްލާމީ ޔުނިވަސިޓީގައި ހިންގާ ކޯސްތައް ހިންގަން ރައީސް ޔާމީން އަންގަވާފައިވާ ކަމަށެވެ. އެހެންވެ އެތަން ހުޅުވުމުން އެ ކޯސްތައް ފެށި ގުރުއާން އުގަންނަވައި ދިނުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

" އަޅުގަނޑު އެދެނީ މިރަށުގެ ހުރިހާ ލޮބުވެތި ރައްޔިތުންގެ ކިބައިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދުކޮށްދިނުން. މިއީ ތިޔަބޭފުޅުންގެ ސަރުކާރެއް. ތިޔަ ބޭފުޅުންގެ މަސްލަހައްތައްޓަކައި މަސައްކަތް ކުރެއްވި ސަރުކާރެއް." ޝަހީމް ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ކުރިމަތިވެފައި ހުރި ގޮންޖެހުތަކުގައި ވަގުތު ބޭކާރު ނުކުރައްވާ ރައީސް ޔާމީންގެ ފަހަތްޕުޅަށް އެރުއްވުމަށް ޝަހީމް ވަނީ އެދިލައްވާފަ އެވެ. ސަބަބެއް ކަމަށް ޝަހީމް ވިދާޅުވީ ރާއްޖޭގެ ރައީސުންގެ ތެރެއިން ތިނަދުއަށް އެންމެ ބޮޑު ހޭދައެއް ކުރެއްވީ ރައީސް ޔާމީނަށް ވާތީ ކަމަށެވެ.