16 Aug 2018, 16:48
ސައުދީން ސަރުކާރުން މި އަހަރު ރާއްޖެ އަށް އިތުރު ކޮށްދިން 1000 ހައްޖުކޯޓާގެ ދަށުން ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް މާދަމާ 400 ހައްޖާޖީން ސައުދީ އަރަބއިްޔާއަށް ފުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީންް އިތުރުކޮށްދިން 1000 ކޯޓާގެ ދަށުން ކޯޓާތައް އެކި ގްރޫޕްތަކުގެ މެދުގައި ބަހައިފައިވާ ކަމަށެވެ. އެގޮތުން ހައްޖު ކޯޕަރޭޝަނަށް 900 ޖާގަ، ތަޒްކިޔާ ހައްޖު ގްރޫޕަށް 50 ޖާގައިގެ އިތުރުން އަލް ހަރަމައިންއަށް 50 ޖާގަ ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ހައްޖު ކޯޕަރޭޝަނަށް 900 ޖާގަ ދިން ނަމަވެސް، އެ ކޯޕަރޭޝަނުން ބުނީ ހައްޖަށް މިފަހަރު ގެންދާނީ 400 މީހުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ. އަދި ތަޒްކިޔާ އަދި ހަރަމައިން ކަނޑައަޅާފައިވާ ޖާގައަށް މީހުން ގެންދޭތޯ އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.
ސައުދީން ރާއްޖެ އިން ހައްޖަށް ގެންދިއުމަށް އާންމުކޮށް ދޫކުރަނީ 1000 ކޯޓާ އެެވެ. ނަަމަވެސް މިދިޔަ އަންގާރަ ދުވަހު ސައުދީން ވަނީ އިތުރު 1000 ކޯޓާ ރާއްޖެ އަށް އިތުރުކޮށްދީފަ އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ކުރިއަށް އޮތް ދެ އަހަރު ހައްޖަށް ދިއުމަށް ޖާގަ ކަށަވަރު ވެފައިވާ ފަރާތްތަކުގެ ތެރެއިން މިއަހަރު ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުން ނަން ނޯޓްކުރުމަށް އެ ކޯޕަރޭޝަނުން ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެ އިން ހައްޖަށް ދާ ހާޖީންގެ ކަންތައްތައް ހިނގައިދާ ގޮތް ބެލުމަށާއި، ސައުދީ އަރަބިއްޔާގައި ހައްޖުވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް މައްކާގައި މިދިޔަ ޖުލައި 28 ވަނަ ދުވަހު "ދިވެހި ހައްޖު މިޝަންގެ އޮފީސް"ގެ ނަމުގައި އޮފީހެއް ވެސް ގާއިމްކޮށްފައިވާ ކަމަށެވެ.