19 Sep 2011, 17:55
ގއ. ގެމަނަފުށީގައި ޑެންގީ އާއި މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޯންޓްރޯލް ނުކުރެވި ފެތުރެމުންދާއިރު، މަދިރި މަރާނެ ގޮތެއް ނެތް ކަމަށް ގެމަނަފުށީގައި މަދިރި ކޮންޓްރޯލް ކުރާ ޓާސްކްފޯހުން ބުނެފި އެވެ.
ޓާސްފޯހުގެ މެންބަރު، މުހައްމަދު ޝިޔާމް މިއަދު ވިދާޅުވީ ދުންޖަހާނެ ފޮގް މެޝިން ހޯދައި ދިނުމަށް ސަރުކާރުގައި އެދުނު ނަމަވެސް މިހާތަނަށް އެފަދަ މެޝިނެއް ހޯދައިދީފައި ނުވާ ކަމަށެވެ.
"މަދިރި މަދުކުރުމަށް ބޭނުންވާ މެޝިނެއް ހޯދަން ގައުމީ އިދާރާއަށާއި ހެލްތު މިނސްޓްރީގައި އަޅުގަނަޑުމެން ވާނީ އެދިފައި، އެހެންނަމަވެސް ހެލްތު މިނސްޓްރީން ވިދާޅުވެފައިވަނީ ބޭސް ލިބިދާނެ ކަމަށް. ފޮގް މެޝިނެއް ދޭވަރަށް ފައިސާ ނެތް ކަމަށް،" ޝިޔާމް ވިދާޅުވި އެވެ.
މިދިޔަ ރޯދަ މަހުން ފެށިގެން ގެމަނަފުށީގައި ޑެންގީ އާއި އެހެން ރޯގާތައް ކޮންޓްރޯލް ނުކުރެވި ފެތުރެމުންދާ އިރު މީދަލުގެ ޒަރީއާއިން ޖެހޭ ސްކްރަބް ޓައިފަސް ވެސް އެރަށުގައި ފެތުރަމުންދާ ކަމަށް ޑެންގީ ޓާސްކް ފޯސް އިން ބުންޏެވެ.
ގާތްގަނޑަކަށް 1000 އަށްވުރެ ގިނަމީހުން އުޅޭ ގެމަނަފުށީގައި މިހާތަނަށް 40 އަށްވުރެ ގިނަ މީހުން ޑެންގީއަށް ޕޮޒިޓިވް ވެފައިވާކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ޝިޔާމް ވިދާޅުވީ މިހާތަނަށް ޑެންގީއަށް ޕޮޒިޓިވް ވެގެން ކުޑަ ދެ ކުއްޖަކާއި، ބޮޑު މީހަކު އެރަށު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން މިހާރު ވެސް ފަރުވާދެމުން އަންނަ އިރު އިތުރު ތިން ކުއްޖަކަށް ފަރުވާދިނުމަށް ގދ. ތިނަދޫ ހޮސްޕިޓަލަށް ވަނީ ފޮނުވާފަ އެވެ.
"ޑެންގޫއަކީ މަދިރީގެ ޒަރިއާއިން ފެތުރޭ ބައްޔަކަށްވާތީ އަދި ޑެންގޫ ކޮންޓްރޯލެއް ނުކުރެވޭ، މަދިރި ކޮންޓްރޯލް ކޮށްގެން ނޫނީ ޑެންގޫ ކޮންޓްރޯލްކުރެވޭނެކަމަށް ގަބޫލެއްވެސް ނުކުރެވޭ"
ޓާސްފޯހުން ބުނީ ޑެންގީ އާއި މަދިރީގެ ޒަރީއާއން ޖެހޭ ބަލިތަށް ކޮންޓްރޯލްކުރުމަށް ރަށު ކައުންސިލާއި، ރައްޔިތުން ގުޅިގެން ކުރާ މަސައްކަތް ހުއްޓާ ނުލާ ކަމަށާއި އެ ގޮތުން ރަށުތެރެ ސާފުކުރުމާއި އާންމުން ހޭލުން ތެރިކުރުމުގެ ޕްރޮގްރާމާއެކު މަދިރި އާލާވާ ގޮތަށް ފެން ހެދިފައިހުންނަ ވަޅުފަދަ ތަންތަނަށް ދިރޭމަސް ލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.