މީޑިއާނެޓުގެ އޯޕަން މައިޓީވީގެ ހިދުމަތް އުރީދޫ ކަސްޓަމަރުންނަށް ބޭނުންކުރެވޭނެ ޚާޢްސަ ދެ ޕެކޭޖެއް ތައާރަފުކޮށްފިއެވެ.

މިއަދު އުރީދޫ ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ޑިރެކްޓާ ސޭލްސް ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް ހުސައިން ނިޔާޒު ވިދާޅުވީ މައިޓީވީގެ ހިދުމަތް މިއަދުން ފެށިގެން އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. ނިޔާޒު ވިދާޅުވީ އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުން ބޭނުންވާނެ ފަދަ ހިދުމަތްތައް ތައާރަފުކުރުމަށް ކަމަށެވެ.

މީޑިއާނެޓުގެ މެނޭޖާ މާކެޓިން ޒިހުނީ ރަޝީދު ވިދާޅުވީ އޯޕަން މައިޓީވީއަކީ ކޮންމެ ތަނެއްގައި ހުރެގެންވެސް ޓީވީ ބަލައިލެވޭނެ ހިދުމަތެއް ކަމަށެވެ. މީޑިއާނެޓުގެ ކޮންމެ ކަސްޓަމަރަކަށްވެސް މި ހިދުމަތް ބޭނުން ކުރެވޭނެކަމަށެވެ. މީގެ އިތުރުން މީޑިއާ ނެޓުގެ ކަސްޓަމަރުން ނޫން އެހެން ފަރާތްތަކަށްވެސް ހާއްސަ ދެ ޕެކޭޖެއް މެދުވެރިކޮށް މައިޓީވީގެ ހިދުމަތް ބޭނުންކުރެވޭނެއެވެ.

އުރީދޫގެ އެސިސްޓެންޓް މެނޭޖަރު ކޮންޓެންޓް ބްރޯޑްބޭންޑް އެންޑް ޑިވައިސަސް އަހުމަދު ނޫމާން ވިދާޅުވީ އުރީދޫގެ ކަސްޓަމަރުންނަށް އޯޕަން މައިޓީވީގެ ޕެކޭޖް 99 އަދި 149 ލިބޭނެ ކަމަށެވެ.

"ޕެކޭޖު 99 ބޭނުނުން ކުރައްވާ ކަސްޓަމަރުންނަށް މައިޓީވީ ގެ ހިދުމަތް ބޭނުންކުރުމަށް ހަތަރު ޖީބީ އަދި 149 ބޭނުން ކުރައްވާ ކަސްޓަމަރުންނަށް އަށް ޖީބީ އިންޓަނެޓް ޑޭޓާ ލިބޭނެ،" ނޫމާން ވިދާޅުވީ މި ޑޭޓާ ޕެކޭޖު ބޭނުންކުރެވޭނީ ހަމައެކަނި މައިޓީވީ ހިދުމަތަށް ކަމަށާއި ޕެކޭޖުގެ މުއްދަތަކީ އެއް މަސް ކަމަށެވެ.

މައިޓީވީ އެޕްލިކޭޝަން ފޯނަށް ޑައުންލޯޑްކުރުމުން ކޮންމެ ތަނެއްގައި ހުރެގެންވެސް ހިދުމަތް ބޭނުން ކުރެވޭނެއެވެ.