އީދު ދުވަސް ގާތްވަނީ އެވެ. ކޮންމެ އީދެއްގައި ވެސް އެންމެ ފޯރި ނަގާނީ ރަށްތަކުންކަން ކަށަވަރެވެ. އީދު ކުރިމަތިވަމުން އަންނަ އިރު ފިލްމީ ތަރިންނާއި ނެށުންތެރިންގެ އިތުރުން ލަވަކިޔުންތެރިންގެ ޝެޑިއުލްތައް ވެސް އަންނަނީ ފުލް ވަމުންނެވެ.

ނެށުންތެރިންނާއި ލަވަކިޔުންތެރިންގެ ހިއްސާ އީދުގައި ވަރަށް ބޮޑެވެ. އެގޮތުން ދިވެހި ފިލްމު އިންޑަސްޓްރީގައި ފެހުމާއި، ކޮސްޓިއުމްސް ޑިޒައިންކުރުމުގެ އިތުރުން ނެށުމުގެ ގޮތުން ވެސް އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ އެއް ތަރި ޖާދުﷲ އިސްމާއިލް (ޖާދު)ގެ އީދު ޝެޑިއުލް ވެސް ވަރަށް ފުލް އެވެ. އެހެން ފަންނާނުންނެކޭ ވެސް އެއްގޮތަށެވެ.

ޖާދުއާއި އޭނާގެ ޓީމް މަރިޔަމް އައްޒަ، އިސްމާއީލް ޖުމައިހް (ޖުމާ)، ނުޒޫ، ޝަމް އަދި ޖާދު މިފަހަރު އީދު ޝޯތައް ފަށާނީ މާލެ އަތޮޅު ކާށިދޫ އިންނެވެ. ދެވަނަ މަންޒިލަކީ ނ. އަތޮޅު ވެލިދޫ އެވެ.

ސަން އާ ވާހަކަ ދައްކަމުން ޖާދު ބުނީ މި މަހުގެ 22 ވަނަ ދުވަހު ރ. މަޑުއްވަރީގައި ޝޯ ދިނުމަށް ފަހު ތިން ވަނަ މަންޒިލް ނ. ވެލިދޫގައި 23 އަދި 24ގައި ޝޯ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ފޯރިގަދަ ޓީމެކެވެ. ނެށުމުގެ ހުނަރު އާދަޔާ ހިލާފަށް ލިބިފައިވާ ތަރިންކޮޅެކެވެ. މި ޓީމުގެ ޝޯތަކާ އެކު އީދު ވަރަށް ފޯރިގަދަވާނެ އެވެ.

އަދި މިހިސާބުން ޖާދުގެ ޓީމްގެ އީދު ޝޯތައް ނިންމާލީއެއް ނޫނެވެ. ދިވެހި ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވި ތަރިން ހިމަނައިގެން ޖާދުގެ ބެލުމުގެ ދަށުން ވެސް ތަރިންތަކެއް ޝޯ ދިނުމަށް ފުރަ އެވެ.

މަރިޔަމް މަލީހާ (މަލް)، އަޝާ، އުނޫ، ރިފްގާ، މޫސަ، ޝާން އަދި މިނޫން ވެސް ގިނަ އާ ތަރިންތަކެއް އީދު ޝޯ ދޭނެ އެވެ. އެ ޓީމުގެ އީދު ޝޯތައް ވެސް ފޯރިގަދަވާނެ ކަމުގެ ޔަގީންކަން ޖާދު ދެއެވެ. މަލް މެންގެ ޓީމު ވެސް ވެލިދޫގައި ދެ ޝޯ ދޭ ކަމަށް ޖާދު ބުންޏެވެ. އަދި އެ ޓީމު ޅ. ހިންނަވަރުގެ އިތުރުން ށ. ކޮމަންޑޫގައި ވެސް އީދު ޝޯތައް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

"ފާހަގަކޮށްލަންޖެހޭ ހިންނަވަރު އަދި ކޮމަންޑޫ އަކީ ލާމަސީލު ދެ ރަށްކަން. އަސްލު އީދުގައި ހުރިހާ ރަށްތަކެއް ވެސް ފޯރިގަދަވާނެ. ޝޯދޭ އިރު އޯޑިއަންސް އަކީ ވަރަށް މުހިއްމު އެއްޗެއް،"

ޖާދު ބުނީ މިފަހަރު ވެސް އީދު ޝޯ ދިނުމަށް 22 ރަށަކުން ރިކުއެސްޓް އައި ކަމަށެވެ.

ޖާދު އާއި އޭނާގެ ޓީމުން އީދު ފޯރިގަދަކުރާނެ ކަމުގެ ޔަގީންކަން ދެ އެވެ. އޯޑިއަންސްގެ ތަރުހީބު ވެސް ވަރަށް ބޭނުންވާނެ އެވެ.