ވަޒީފާތަކުން މީހުން ވަކިކުރަނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ބޮޑު އަގުގައި ޕްރޮޖެކްޓްތައް ދިނުމުން އެފަރާތްތަކުން ބޭނުންވާ މީހުންނަށް އެމަގާމުތަކަށް ދިނުމަށް ކަމަށް ޑީއާރުޕީން ތުހުމަތުކޮށްފި އެވެ.

އުތުރުގެ ތިން އަތޮޅަކަށް ސިއްހީ ހިދުމަތް ދޭން އުފައްދާފައިވާ، ނޮދަން ހެލްތު ކޯޕަރޭޝަނުން ނޯޓިސް ދިނުމަކާ ނުލައި 10 މީހަކު މިއަދު ވަޒީފާއިން ވަކިކޮށްފައިވަނިކޮށް ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް (މަވޯޓާ) ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އަތޮޅުތަކުގެ ރަށްރަށުގައި ތިބި ބައެއް މުވައްޒަފުން ކުއްލިއަކަށް ވަކިކޮށް އެމީހުން ކުރަމުން އައި ގިނަ މަސައްކަތްތައް ސަރުކާރުގެ އިސްވެރިންގެ ކުންފުނިތަކާއި ހަވާލުކުރަމުންގެންދާ ކަމަށެވެ.

"މުވައްޒަފުން ވަކިކުރަނީ ވަޒީފާ ނެތިގެނެއް ނޫން. ސަރުކާރާ ގުޅުން ހުރި ކޮންމެވެސް ފަރާތަކަށް ޕްރައިވެޓް އުސޫލުން ކޮންޓްރެކްޓް ދެއްވީމާ އެފަރާތުން ބޭރު ބައެއް ގެނެސް ކުޑަ އަގެއްގައި އެއްކަލަ ވަޒީފާ ދެނީ،" ޝަރީފް ވިދާޅުވިއެވެ. "އަޅުގަނޑު ދަންނަވާނީ މީ ސަރުކާރުން ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޖަރީމާ އެކޭ،"

ސަރުކާރުގެ ބޮލުގައި އެ ތުހުމަތު ޑީއާރުޕީން އެޅުވިއިރު އެންމެ އުތުރުގެ ހަތަރު އަތޮޅެއްގެ ސިއްހީ ދާއިރާއިން 100 އަށް ވުރެ ގިނަ މީހުން ވަކިކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ސަރުކާރާ ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީން ވެސް ވަނީ 150 އަށް ވުރެ ގިނަ މުވައްޒަފުން ވަކި ކުރަން ނޯޓިސް ދީފަ އެވެ. މީގެ އިތުރުން އޮޑިޓް އޮފީހުން ވެސް 21 މުވައްޒިފަކު ވަކި ކުރަން ވަނީ ނިންމާފަ އެވެ.

ޝަރީފް ވިދާޅުވީ އެމްޓީސީއަކީ ފައިދާގައި ހިންގަމުން އައި ކުންފުންޏަކަށް ވިޔަސް އެ ކުންފުންޏަށް ގެއްލުންވެ މުވައްޒަފުން ވަޒީފާއިން ކަނޑާލަން ޖެހެނީ ކުންފުނިން ހިންގަމުން އައި ގިނަ ޕްރޮޖެކްޓަތަކެއް ސަރުކާރުގެ އިސްވެރިންނާ ގުޅުން އޮންނަ ބޭރުގެ ފަރާތްތަކާއި ހަވާލުކުރުމުން ކަމަށެވެ.
"ހެވީ ލޯޑަށް އެންމެ ފަހުން ލިބުނު ޕްރޮޖެކްޓް ވެސް އަޅުގަނޑަށް އެނގިފައިވާގޮތުގައި އޮންގާޑަޝާއި ބޮސްކާލިސް އަށް 10 މިލިއަން ޑޮލަރުގެ ފައިދާ އެއްގެ ކޮންޓްރެކްޓަށް ދިނީ" ޝަރީފް ވިދާޅުވި އެވެ.

އޮޑިޓް އޮފީހުން މުވައްޒިފުން ވަކިކުރާ މައްސަލައިގައި ޝަރީފު ވިދާޅުވީ އެކަށީގެންވާ ގޮތުގައި އޮޑިޓް އޮފީސް ހިނގަމުން ނުދާ ދަނޑިވަޅެއްގައި އެ އޮފީހުން 21 މުވައްޒަފުން ވަކި ކުރަން ނިންމުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

ދާދިފަހުން ފަހުން ސަރުކާރުުން އިއުލާން ކުރި ޒުވާނުން ވަޒީފާތަކަށް ނެރުމަށް ހިންގާ ތަމްރީން ޕްރޮގުރާމަށް އަލިއަޅުވާލައްވަމުން ޝަރީފު ވިދާޅުވީ ސުކޫލް މަރުހަލާ ނިންމާފައި ނުކުންނަ ކުދިންނަކީ ވަޒީފާގެ ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި، އެކުދިން ތަމްރީނު ކުރަން ކޮންމެ އަހަރަކު އޭބީޑީ ގެ އެހީގެ ދަށުން 7.5 މިލިޔަން ޑޮލަރުގެ ޓްރެއިނިން ޕްރޮގްރާމެއް ހަމަޖެހިފައި އޮންނަ ކަމަށާއި، އެހެންނަމަވެސް ފާއިތުވި ދެ ތިން އަހަރެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިނުވާ ކަމަށެވެ.

"އެކަން ދަންނަ އެކަކުވެސް ނެތް. 6000 އަށް ވުރެ ކުދިން ކިޔަވައިގެން ނުކުމޭ. އެކަމަކު މީން އެއްވެސް ކުއްޖަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދޭން އުޅޭތަނެއް ނުފެނޭ" ހުނަރު ޕްރޮގްރާމަށް ފާޑު ވިދާޅުވަމުން ޝަރީފް ވިދާޅުވި އެވެ.