16 Aug 2018, 11:50
ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ވިޝާލް ބަދަރްވާޖްގެ ކުރިޔަށް އޮތް ފިލްމު "ޕަޓާކާ"ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ޓްރެއިލާ އިން ދައްކުވައިދެނީ ރަށްފުށަށް ނިސްބަތްވާ އަންހެން ދެބެންގެ ދިރިއުޅުމެވެ. "ޕަޓާކާ" އަކީ މީހުން ހެއްވާލާނެ މަންޒަރުތަކެއް ދައްކުވައިދޭނެ ފިލްމަކަށް ވާނެ އެވެ.
"ހައިދަރް" އާއި "ކަމީނޭ" ފަދަ ފިލްމްތައް ބެލުންތެރިންނަށް ގެނެސް ދީފައިވާ ޑައިރެކްޓަރު ވިޝާލްގެ ކުރިޔަށް މިއޮތް ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ބަތަލާ ސާނިޔާ މަލްއުރުތާ އާއި ރާދިކާ މަދަންގެ އިތުރުން ސުނިލް ގްރޯވާ އެވެ.
ސާނިޔާ ބޮޑަށް މަޝްހޫރު ވެގެންދިޔައީ ފިލްމު "ޑަންގަލް" އިންނެވެ. އަދި ރާދިކާ އަކީ ޓީވީ ޝޯތަކުން ފެނިގެން ގޮސްފައިވާ ފަންނާނެކެވެ. "ޕަޓާކާ" އަކީ ރާދިކާ ބޮލީވުޑަށް ތައާރަފްވާ ފުރަތަމަ ފިލްމެވެ.
ބީފޯޔޫ މޯޝަން ޕިކްޗަރސްގެ ދަށުން ގެނެސްދޭ "ޕަޓާކާ" ސްކްރީނަށް އަންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.