މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން )އެމްއެންބީސީ(ގެ މުވައްޒަފުންނަށް ލިބޭ އަސާސީ މުސާރައަށް ވުރެ ބޮޑު އަދަދެއް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ލިބެމުންދާކަން އެ މުވައްޒަފުންގެ މުސާރަ ޝީޓުތަކުން ހާމަވެއްޖެ އެވެ.

މުސާރައަށް ވުރެ ބޮޑުކޮށް އޯޓީ ހޯދަމުންދާ މައްސަލާގައި މެނޭޖްމަންޓް އިން ފިޔަވަޅު އެޅުމުން އެމްއެންބީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އާދަމް ޝަރީފާ ދެކޮޅަށް މުވައްޒަފުންތަކެއް ހުށަހެޅި ޕެޓިޝަނަށް ޖަވާބު ދެއްވައި އެމުވައްޒަފުންނަށް އޭނާ ފޮނުވި ސާކިއުލާގައި ވަނީ، 5000ރ. އާއި 7000ރ. އާ ދޭތެރޭގެ މުސާރަ ލިބޭ މުވައްޒަފުން 15،000ރ. އާއި 18،000ރ. އާ ދޭތެރޭގެ އަދަދެއް ގެއަށް ގެންދާ ކަމަށް ވިދާޅުވެ، މުސާރަ ޝީޓުތައް މުވައްޒަފުންނާ ހިއްސާކޮށްފަ އެވެ. އެ ޝީޓުތަކުގެ ކޮޕީ ސަން އަށް ވެސް ލިބިފައިވެ އެވެ.

އެ ޝީޓުތަކަށް ބަލާއިރު ބައެއް މުވައްޒަފުންނަށް ލިބޭ އަސާސީ މުސާރައާ އެއްވަރު އަދަދެއް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ހޯދާއިރު ބައެއް މުވައްޒަފުން މުސާރައަށް ވުރެ ދެގުނަ ބޮޑު އޯޓީ ވެސް ހޯދާފައިވެ އެވެ.

އެގޮތުން ބައެއް ޝީޓުތަކަށް ބަލާއިރު، 2900ރ. ލިބޭ ސަޕޯޓް ސްޓާފުން އިތުރު ގަޑީގެ ފައިސާގެ ގޮތުގައި މުސާރައަށް ވުރެ ދެގުނަ އިތުރަށް ހޯދައި، އިތުރު އެލަވަންސްތަކާއެކު 10،000ރ. އަށް ވުރެ ބޮޑު އަދަދެއް ގެއަށް ގެންދެ އެވެ. އަދި 4200ރ. ލިބޭ ޑްރަވައިރަކު 4352ރ. ގެ އޯޓީއާއި އެހެން އެލަވަންސްތަކާއެކު 9500ރ. ނަގަ އެވެ. އެސިސްޓަންޓް ކެމެރާ މަނެއްގެ މުސާރަ ޝީޓަށް ބަލާއިރު، 6400ރ. ގެ އަސާސީ މުސާރަ ލިބޭއިރު 8000ރ. އަށް ވުރެ ބޮޑު އޯޓީއަކާއެކު 15،000ރ. އަށް ވުރެ ބޮޑު އަދަދެއް ގެއަށް ގެންގޮސްފައިވެ އެވެ. ޕްރޮޑިއުސާ ޕްރެސެންޓަރެއްގެ އަސާސީ މުސާރައަކީ 6950ރ. ނަމަވެސް، 7161ރ. ގެ އޯޓީއަކާއި އެހެން އެލަވަންސްތަކާއެކު 16،000ރ. އަށް ވުރެ ބޮޑު އަދަދެއް ލިބެ އެވެ. ޕްރޮޑަކްޝަން ޓެކްނީޝަނެއްގެ ބޭސިކް ސެލެރީ 8800ރ. އަށް އަރާއިރު އޯޓީގެ ގޮތުގައި 9191ރ. އިތުރަށް ހޯދައި، ޖުމްލަ 19،866ރ. މަހަކު ހޯދަ އެވެ.

"އަޅުގަނޑު އެދެނީ ތައްޔާރުކުރެވޭ ޕެޓިޝަނުގައި އެމްއެންބީސީގެ ވީހާވެސް ގިނަ މުވައްޒަފުން ސޮއިކޮށް، މިކަންކަން ވަރަށް ސީރިއަސްކޮށް ބެލުމަށެވެ. އަދި މިކަމުގައި އިހުމާލުވެފައިވާ ފަރާތްތަކަކީ ކޮބައިތޯ ބަލައި އެމީހުން ޖަވާބުދާރީ ކުރުވުމެވެ." އާދަމް ޝަރީފް ސާކިއުލާގައި ވިދާޅުވެފައިވެ އެވެ.

އެމްއެންބީސީގެ މުވައްޒަފުންގެ މުސާރަ އާއި އިތުރު ގަޑީގެ ފައިސާގެ މައްސަލަ އެތަން ކުރިން ހިނގި އިންފޮމޭޝަން މިނިސްޓްރީގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން 2007 ވަނަ އަހަރު ޓެލެވިޒަން މޯލްޑިވްސްގެ މުވައްޒަފުންގެ މުސާރައަށް 14 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އޭގެ 18 ޕަސަންޓް ހޭދަކޮށްފައިވަނީ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދިނުމަށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެހެންކަމުން، "މުސާރައާއި އެލަވަންސް އަދި އިތުރު ގަޑީގެ ހަރަދުތައް އެކުލެވިފައިވާ ގޮތްވެސް މުތޯލިއާ"ކުރަން ޖެހިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

ނަމަވެސް، ބޮޑު އޯޓީ ލިބޭ މައްސަލަ ހައްލުކުރުމަށްޓަކައި ވެރިއެއްގެ ހުއްދަ ނެތި އިތުރު ގަޑީގައި މަސައްކަތް ނުކުރެވޭ ގޮތަށް ހަމަޖެއްސުމުން އެމްއެންބީސީގެ މުވައްޒަފުން ތިބީ ހިތްހަމަނުޖެހިފަ އެވެ. އަދި ބައެއް މުވައްޒަފުން ވަނީ އާދަމް ޝަރީފާ ދެކޮޅަށް ޕެޓިޝަނުގައި ސޮއިކޮށް، ޑިސިޕްލިނަރީ ކޮމިޓީއަށް އޭނާގެ މައްސަލަ ވެސް ހުށަހަޅައިފަ އެވެ.