01 Jun 2010, 14:31
19:00
ޑީއާރުޕީގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ ފަސް މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ، ޕާޓީ އޮފީހުގެ ފޯން ލައިނާއި ފެކްސް ލައިންގެ އިތުރުން އިންޓަނެޓްގެ ހިދުމަތް ކަނޑައިލާފައި ހުންނަތާ ވިއްސަކަށް ދުވަސް ވެއްޖެ އެވެ.
ޑީއާރުޕީގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ނާފިޒު މިއަދު ވިދާޅުވީ މިމައްސަލައަކީ ރިޔާސީ އިންތިހާބަށް ފަހު އެޕާޓީއަށް ދިމާވެގެން އުޅޭ މާލީ ދަތިކަމެއްގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބަށްފަހު މިލިއަނެއްހާ ރުފިޔާގެ ބިލް އެޕާޓީ އަށް ހުށަހެޅިފައިވާ ކަމަށާއި އަދި އޭގެފަހުން އެކިއެކި ފަރާތްތަކުގެ އެހީއާއެކު އެޕާޓީން އެފައިސާގެ ބޮޑު ބައެއް ދައްކާފައިވާ ކަމަށެވެ. އަދި މިހާރު ބައެއް މުވައްޒަފުންގެ މުސާރަ ނުދެވިވަނީ ވެސް އެކަމުގެ ސަބަބުން ކަމަށާއި އެގޮތުން މިއަހަރުގެ ޖެނުއަރީން ފެށިގެން މުސާރަނުދެވޭ ގާތްގަނޑަކަށް ހަތް ވަރަކަށް މުވައްޒަފުން ޑީއާރުޕީގައި އުޅޭ ކަމަށްވެސް ނާފިޒް ވިދާޅުވި އެވެ. ނާފިޒު އަދި ވިދާޅުވީ ޑީއާރުޕީ އޮފީހުގެ ފޯން ލައިނާއި ފެކްސް ލައިން އަދި އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައިވަނީ ބިލްތައް ނުދެއްކިގެން ގޮސް ކަމަށެވެ.
ޑީއާރުޕީ އަށް މިއަދު މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވެފައި ވަނީ ޕްރައިމަރީ އަކަށް ނުގޮސް ރިޔާސީ ޓިކެޓް މިދިޔަ ކޮންގްރެސްގައި ވަކި ބޭފުޅަކަށް ދިނުމުން ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ވިދާޅުވެފައިވާ ކަމަށް ދުވަހު ނޫހެއްގައި ބުނެފައިވެ އެވެ. ޑީއާރުޕީގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބިގެން އެ މީހުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުންނަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައި އުމަރު އެ މީހުންނަށް ބުދަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ޕްރައިމަރީއަކަށް ދޮރު ހުޅުވި ނަމަ މުވައްޒަފުންގެ މުސާރަ އާއި ފޯނު ބިލާއި ތަނުގެ ކުލި ވެސް ދައްކާނެ މީހުން ވާނެކަން ކަށަވަރު ކަމަށެވެ. އަދި ރިޔާސީ ޓިކެޓް ވަކި ބޭފުޅަކަށް ލިބިވަޑައިގެން އެހެން މީހުންނަށް އެ ދޮރު ބަންދުވިކަން އިއުލާން ކުރުމަކީ ޕާޓީ އަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށްވެސް އެމީހުން އުމަރު ފޮނުއްވާފައިވާ އެ ސިޓީގައިވެ އެވެ.