19 Sep 2011, 16:30
ކަނޑުމަގުން ރާއްޖެ އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ކަނޑިއާއި ލޮންސިތައް ހަތިޔާރުގެ ގޮތުގައި ބެލެވިދާނެ ތަކެތި ކަމަށް ފެންނާތީ އެތަކެތި ޑިފެންސް މިނިސްޓްރީއާ ކަސްޓަމްސް އިން ހަވާލުކޮށްފި އެވެ.
ބުރާސްފަތި ދުވަހު ކަނޑުމަގުން އެ ކަނޑިތައް އެތެރެކޮށްފައި ވަނީ ވޮޝޫ ފެޑެރޭޝަން އޮފް މޯލްޑިވްސްގެ ނަންމަތީގަ އެވެ.
ކަސްޓަމްސް އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެއަށް ކަނޑުމަގުން ގެނައި 289 ކަނޑިއާއި 101 ލޮންސި ހިފަހައްޓާ އެފަދަ ތަކެއްޗާމެދު ކަސްޓަމްސުން އަމަލު ކުރާ އާންމު އުސޫލުގެ ދަށުން އެތަކެތި ޑިފެންސްމިނިސްޓްރީ އާ ހަވާލު ކުރީ "ނުރައްކާތެރި" ހަތިޔާރުގެ ގޮތުގައި ބެލެވިދާނެތީ ކަމަށެވެ.
ކަސްޓަމްސުން ބުނެފައި ވަނީ އެ އެއްޗިއްސަކީ ސިއްރުން އެތެރެ ކުރި އެއްޗެހި ތަކެއް ނޫންކަމަށާއި އެއީ ޑިކްލެއާ ކޮށްފައި ހުރި މުދާ ކަމަށެވެ.
ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުއިއްޒު އަދުނާން މިއަދު ވިދާޅުވީ އެފަދަ އެއްޗެއްސާ ދޭތެރޭ އަމަލު ކުރާ އާންމު އުސޫލުގެ ދަށުން އެކަން ކުރަމުންގެންދާނެ ކަމަށެވެ.
ކަސްޓަމްސްއިން ބުނެފައި ވަނީ އެތެރެކުރި ލޮންސި ތަކުގެ ދިގުމިނުގައި ފަސް ފޫޓާއި ހަ ފޫޓު ހުރި އިރު ކަނޑިތަކުގެ ދިގުމިނުގައި ތިން ފޫޓާއި ހަތަރު ފޫޓު ހުންނާނެ ކަމަށެވެ.
"އެ އެއްޗިއްސަކީ ހަނގުރާމާއިގައި ބޭނުންކުރާ ޒާތުގެ އެއްޗެއްސަށްވުރެ ބޮޑަށް އަޑުގޮވާ ގޮތަށް ހުރި އެއްޗެހި ތަކެއް" ކަމަށް ކަސްޓަމްސްގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.