ބްރަސެލްސް (އޮގަސްޓު 15): ބެލްޖިއަމްގައި ރެޑްބުލް ރައްކާކޮށްފައިވާ ގުދަނަކުން ގާތްގަނޑަކަށް އެއް މިލިއަން ޔޫރޯ (1,131,295 ޑޮލަރު)ގެ އަގުހުރި ރެޑްބުލް ދަޅު ވަގަށް ނަގައިފި އެވެ.

ބެލްޖިއަމްގެ މެނިން ޑިސްޓުރިކްޓުގައި ހިނގި އެހާދިސާގައި ވައްކަން ކުރި މީހުން ވަނީ، 11 ޓްރަކް ފުރާ ހުންނަ ވަރުގެ ރެޑްބުލް ގުދަނުން ގެންދަން 12 ގަޑި އިރު ހޭދަކޮށްފައި އެވެ. ތިންސަތޭކަ ޕެލެޓުގައި ހުރި އެދަޅުތައް އެމީހުން ގެންގޮސްފައި ވަނީ އެކި ފަހަރުމަތިން ދަތުރުކޮށްގެންނެވެ.

ބެލްޖިއަމްގެ ފުލުހުން ވަނީ އެއީ ވަރަށް 'ޕްރޮފެޝަނަލްކޮށް' ކުރިއަށްގެންދިޔަ ވައްކަމެއް ކަމަށް ބުނެފައި އެވެ. އަދި ފުލުހުން މިހާރު ދަނީ ސީސީޓީވީ ފުޓެޖް ބަލަމުން ކަމަށާއި، ވައްކަން ކުރި މީހުންނަށް ގުދަނުގައި މަސައްކަތް ކުރާ ބަޔަކު އެހީވި ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުނެފައި އެވެ.

އެރެޑްބުލްތައް ވަގަށް ނަގާފައި ވަނީ އެދަޅުތައް ޑިސްޓްރިބިއުޓް ކުރާ ކުންފުންޏެއް ކަމަށްވާ ޖެޓް އިމްޕޯޓު އެންވީގެ ގުދަނަކުންނެވެ.

ޖެޓް އިމްޕޯޓުގެ ސީއީއޯ ސްޓެފާން ބެޓެންސް ވަނީ "ރަނގަޅު ސަލާމަތީ ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް" އެފަދަ ހާދިސާއެއް ހިނގުމަކީ ހައިރާންވާންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައި އެވެ. އަދި އެހާދިސާ ހިނގި ނަމަވެސް އެކުންފުނިން ރެޑްބުލް ޑިސްޓްރިބިއުޓް ކުރުމަށް ހުރަހެއް ނޭޅޭނެ ކަމަށް ވިދާޅުވެފައި އެވެ.