އަންކާރާ (އޮގަސްޓު 15): އެމެރިކާއިން ތުރުކީއަށް އެތެރެ ކުރާ ކާރާއި ރަލާއި ދުންފަތް ފަދަ ބައެއް ތަކެތިން ނަގާ ޓެރިފް ތުރުކީން ދެގުނަކޮށްފި އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިއަދު ނެރުއްވި އަމުރެއްގައިވާ ގޮތުން، އެމެރިކާއިން ގެންނަ ކާރުން ނަގާ ޓެރިފްގެ މިންވަރު 120 ޕަސެންޓަށް އިތުރުކޮށް، ރަލުން ނަގާ ޓެރިފް 140 ޕަސެންޓަށް އިތުރުކޮށް، ދުންފަތުން ނަގާ ޓެރިފް 60 ޕަސެންޓަށް އިތުރު ކުރަން ސަރުކާރުން ވަނީ ނިންމާފައި އެވެ.

އަދި އެމެރިކާއިން ގެންދާ ކޮސްމެޓިކްސް އާއި ހަނޑުލާއި ކޯލްއިން ނަގާ ޓެރިފްވެސް ތުރުކީން ވަނީ ދެގުނަކޮށްފަ އެވެ.

ތުރުކީގެ ސަރުކާރުން ބުނި ގޮތުގައި އެފިޔަވަޅުތައް އަޅާފައި ވަނީ އެގައުމުގެ އިގުތިސާދަށް އެމެރިކާއިން ގަސްތުގައި ހަމަލާ ދެމުން ދިޔުމުގެ ސަބަބުންނެވެ.

ތުރުކީއަށް 2016 ވަނަ އަހަރު ގެންނަން މަސައްކަތް ކުރި ބަޣާވާތުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެގައުމުން ވަނީ އެމެރިކާގެ ފާދިރީއަކު ހައްޔަރުކޮށްފަ އެވެ. އަދި އޭނާ ދޫކޮށްލުމަށް އެމެރިކާއިން ގޮވާލި ނަމަވެސް ތުރުކީން ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ.

އެހެންކަމުން އެމެރިކާ އިން ވަނީ ތުރުކީގެ ދެ މިނިސްޓަރަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އަދި ތުރުކީން އެމެރިކާއަށް އެތެރެ ކުރާ ސްޓީލާއި އެލުމިނިއަމުން ނަގާ ޓެރިފް ބޮޑުކޮށްފަ އެވެ.

އޭގެ ސަބަބުން ތުރުކީން ވަނީ އެމެރިކާގެ ދެ އޮފިޝަލެއްގެ މުދާ ހިފަހައްޓާފަ އެވެ. އަދި އެމެރިކާގައި އުފައްދާ އިލެކްޓްރޯނިކް މުދާ އެގައުމުން ބޯއިކޮޓް ކުރާނެ ކަމަށް ބުނެފަ އެވެ.