15 Aug 2018, 15:47
އެސްޖޭ ކޮންސްޓްރަކްޝަނަކީ އަޑު މަޑު އެކަމަކު، ބިޔަ ކުންފުންޏެކެވެ. އާންމުންނަށް ފަހަރުގައި އާ ނަމަކަށް ވެދާނެ އެވެ. ނަމަވެސް، އެސްޖޭ އަކީ ކޮންސްޓްރަކްޝަން ދާއިރާގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ކުންފުންޏެކެވެ.
ހައުސިން މިނިސްޓްރީން ސަރުކާރުގެ ޕްރޮޖެކްޓްތައް ނުވަތަ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ދޫކުރަން ކަނޑައަޅާފައިވާ މިންގަނޑުގެ އެންމެ މަތިން ދަރަޖަކުރެވޭ މަދު ކުންފުނިތަކުގެ ތެރޭގައި އެސްޖޭ ހިމެނެ އެވެ.
ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. ސަރުކާރުގެ ބޮޑެތި އެތައް ޕްރޮޖެކްޓެއް ކާމިޔާބުކަމާ އެކު ނިންމައި ހަވާލުކޮށްފައިވާތީ އެވެ. އޭގެ އިތުރުން އެސްޖޭން އަންނަނީ، ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ އިތުރުން އިމާރާތްތައް ކުރެހުމާއި ކޮންސަލްޓަންސީ ދިނުން ފަދަ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އެތައް ކަމެއް ކުރަމުންނެވެ.
ނަމަވެސް މިފަހަރު މިއޮތީ އެ ކުންފުނީގެ މަސައްކަތްތަކުގެ ވާހަކަ އެއް ނޫނެވެ؛ އެސްޖޭ ހާޑްވެއާގެ ތަފާތު އިސްތިހާރެއްގެ ވާހަކަ އެވެ. ޕިންޑޭއާ އެކު، އެސްޖޭ އިން އެންމެން ހެއްވާލި ވާހަކަ އެވެ.
ހުޅުމާލޭ ބޮޑުމަގުގައި ހުންނަ އެސްޖޭ ހާޑްވެއާގެ އިސްތިހާރާ އެކު، ޕިންޑޭ އޭނާގެ ސްޓައިލުގައި އަނެއްކާ ވެސް ދިވެހިންނަށް މި ވަނީ ފެނިގެން ގޮސްފަ އެވެ.
އޮފީސް ޓެލެޑްރާމާ މުބާރާތުގައި، ކަސްޓަމުން ނެރުނު ޑްރާމާ އިން 1997 ވަނަ އަހަރު ދިވެހިންގެ ތެރެއަށް ތައާރަފްވެ، އެތައް ބައެއްގެ ލޯބި ހޯދި ޕިންޑޭގެ ކެރެކްޓާ ނުފެންނަތާ މިހާރު ވަނީ 10 ވަރަކަށް އަހަރު ވެފަ އެވެ.
ނަމަވެސް އެސްޖޭގެ އިސްތިހާރާ އެކު އޭނާ އަލުން ދިވެހިންގެ ކުރިމައްޗަށް މި ވަނީ ނިކުމެފަ އެވެ.
"އަހަރެން ބޭނުން ކޮލެޓީއެއްގަ އިސްތިހާރު ހަދަން ލިބުނީމަ އަސްލު ކުޅުނީ. އެސްޖޭއާ އެކު އިތުރު އިސްތިހާރުތަކެއް ވެސް އެބަ ހަދަން. ވަރަށް އަވަހަށް އެ އިސްތިހާރުތައް ފެންނާނެ،" ޕިންޑޭ ބުންޏެވެ.
ޕިންޑޭ ބުނީ އޭނާ ފިލްމީ ދާއިރާއާ ދުރަށް ނުދާ ކަމަށެވެ. ނަމަވެސް ބޭނުންވާ ކޮލެޓީގައި މަސައްކަތް ކުރަން ފުރުސަތު ނުލިބޭތީއާއި، އޮފީހުގައި ބިޒީ ވުމުން އެކްޓިން އަށް އެހާ ސަމާލުކަން ނުދެވެނީ ކަމަށް އޭނާ ބުންޏެވެ.
"އަސްލު އަބަދުވެސް އިންޓަރެސްޓް ހުރޭ. އެކަމު ބޭނުންވާ ކޮލެޓީގައި މަސައްކަތް ކުރަން ފުރުސަތު ނުލިބޭ ވަރަށް... އެސްޖޭ އިން އަހަރެން ބޭނުން ކޮލެޓީއެއްގަ އެކަން ކުރޭ،" އޭނާ ކިޔައިދިނެވެ.
އެސްޖޭގެ އިސްތިހާރުގައި ޕިންޑޭ ފެނިގެން ދަނީ އޭނާގެ ޓްރޭޑްމާކް މަތިމަހާއި އެކުގަ، ހަމަ ކުރީގެ ޕިންޑޭއާ އެއްވެސް ތަފާތެއް ނެތި އެވެ. އޭނާ ކޮނޑުމަތީގައި އޮންނަ ރަތް ތުވާލިކޮޅު ވެސް އަދި ވެސް ގެންގުޅެ އެވެ. ލައިގެން ހުރީ ވެސް ހަމަ އޭނާގެ ޓްރޭޑްމާކް ހުދު ކޮނޑުކެނޑިއެކެވެ.
އެސްޖޭ އިން ހާޑްވެއާ ވިޔަފާރިއަށް ނިކުމެ، އެމީހުންގެ ފުރަތަމަ ފިހާރަ ހުޅުމާލޭގައި ހުޅުވާފައިވާ އިރު އެތަނުން ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވަ ހުރިހާ ސާމާނެއް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެސްޖޭ އިން ބުނީ އެ ކުންފުނީގެ ހާޑްވެއާ އަކީ، ހުޅުމާލޭގައި އެއްޗެހި އެންމެ ހެޔޮ އަގުގައި ވިއްކާ ހާޑްވެއާ ކަމަށެވެ.
ހާޑްވެއާގެ އިތުރުން އެލްމިނިއަމް ދޮރާއި ދޮރުފަތާއި ޕާޓިޝަން ޖެހުމަށް ބޭނުންވާ ސާމާނު ވިއްކުމަށް އެލްމިނިއަމަށް ހާއްސަ ފިހާރައެއް، އެސްޖޭ އެލްމްނިއަމްގެ ނަމުގައި އެ ކުންފުނިން މާލޭގައި ހިންގަ އެވެ. އެ ކުންފުނިން ބުނީ، ރަށުގައި ހުރެފައި ގުޅާލުމުން އެ ފިހާރައިން ވިއްކާ ސާމާނުތައް ބޯޓަށް ގެންގޮސްދޭނެ ކަމަށެވެ.