ދިރާގު ދިވެހި ލީގުގެ ތިން ވަނަ ބުރުގެ ކުޅުން ނިމުމާގަތަށް އަންނައިރު، ތާވަލްގެ އެންމެ ކުރީގައި އޮތް ވީބީން އަނެއްކާވެސް އިތުރު ދެ ކުޅުންތެރިއަކު ސަސްޕެންޑް ކޮށްފިއެވެ.

ވީބީން މިފަހަރު ސަސްޕެންޑް ކުރި ދެ ކުޅުންތެރިން ނަކީ ބިދޭސީ ދެ މިޑްފީލްޑަރުން ކަމަށްވާ ސިއެރަލިއޯނުގެ އަބޫ ޑެސްމޮންޑް މަންސާރޭ އާއި ހޮލެންޑުގެ ސެންގިޒް ހުސެއިން ނެވެ.

މީގެ ކުރިން ވީބީން ސަސްޕެންޑްކުރި ދެ ކުޅުންތެރިންނަކީ އިސްމާއިލް އީސާ (މެސީ) އާއި އާދަމް ލަރީފް (ރޮނާ) އެވެ. އެ ދެކުޅުންތެރިން ސަސްޕެންޑް ކުރީ ޕްރެކްޓިހަށް ނައިސް، އަތޮޅު ތެރޭގައި ކުރިއަށްދިޔަ މުބާރާތަކާއި މާލޭގައި ކުރިއަށް ދިޔަ ފުޓްސަލް މުބާރާތެއްގައި ބައިވެރިވި ކަމުގެ ރިޕޯޓް ކޯޗް ވަންލީއަށް ލިބުމުން އެކަމާ ހިތް ހަމަނުޖެހިގެން ނެވެ.

ސަންއޮންލައިނުން ކުރި ސުވާލަކަށް ޖާވާބު ދެމުން ވަންލީ ބުނީ، އަބޫއާއި ސެންގިޒް ހުސެއިން ސަސްޕެންޑްކުރީ ޕްރެކްޓިސްއަށް ފަރުވާތެރިކަން ނުބަހައްޓާ، ރޭގަނޑު ދަންވަރު ނުނިދާ އުޅޭތީވެ ކަމަށެވެ. އަދި އެދެ ކުޅުންތެރިން ސަސްޕެންޑް ކުރީ މިރޭ 9:00 ޖަހާއިރު އީގަލްސްއާ ދެކޮޅަށް ވީބީ ކުޅޭ މެޗުގައި އެކަނި ކަމަށް ވެސް ބުންޏެވެ.

"އެ ދެ ކުޅުންތެރިން ސަސްޕެންޑްކުރީ ދަންވަރު ހޭލާ އުޅުނުކަމުގެ ރިޕޯޓް ލިބުމުން. އަހަރެން މިހިރީ ވަރަށް ހިތްހަމަ ނުޖެހިފައި. މީގެ ކުރިން ވެސް ވާނީ ޓީމްގެ ދެ ކުޅުން ތެރިއެއް ސަސްޕެންޑް ކޮށްފަ. އެއީ ރޮނާއާއި މެސީ، މިފަހަރު މިކުރީ ބިދޭސި ދެ ކުޅުން ތެރިން. އަހަރެން އެހުރިހާ ކުޅުންތެރިންނަށް ވެސް އިޙްތިރާމް ކުރަން" ވަންލީ ބުންޏެވެ.