ރާއްޖޭގެ ފުޓްބޯޅައިގެ ހަރަކާތްތައް ހިނގާ ނުހިނގާ ގޮތް ބަލަން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ހިންގާ ހާއްސަ ޕްރޮގްރާމެއް މިއަދު އެފްއޭއެމް އިދާރާގައި ފަށައިފިއެވެ. މިއީ ފުޓުބޯޅަ މެނޭޖްމަންޓް ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ޕްރޮގްރާމެކެވެ.

އެފްއޭއެމް ހައުސްގައި ފެށި ޕްރޮގްރާމް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

އެފްއޭއެމް އިން ބުނީ، މިޕްރޮގްރާމަކީ ފީފާގެ މެންބަރު އެސޯސިއޭޝަންތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ކުރިއަށްދާގޮތް ބެލުމަށާއި، މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ބެލުމަށް ފީފާއިން ބާއްވާ ޕްރޮގްރާމެއް ކަމަށެވެ. މިޕްރޮގްރާމުގައި އިތުރަށް ފޯރުކޮށްދެވެންހުރި ކަންކަން ދެނެގަތުމަށްފަހު މަސައްކަތްތަކަށް ބޭނުންވާ އިތުރު ލަފާ ފީފާއިން ދޭނެ ކަމަށް ވެސް އެފްއޭއެމް އިން ބުންޏެވެ.

އެފްއޭއެމްގެ އިދާރާގައި ފެށި ޕްރޮގްރާމުގެ ތެރޭގައި ފުޓުބޯޅަ އާއި ގުޅުން ހުރި ތަފާތު އިދާރާތަކާއި ސްޕޮންސަރުންނާއި ބައްދަލުކޮށް ރާއްޖޭގެ ފުޓުބޯޅަ އިތުރަށް ކުރިއެރުވުމަށް ކުރެވެންހުރި ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރަން ވަނީ ހަމަޖެހިފައެވެ.