15 Aug 2018, 12:51
ސ. މީދޫގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮތްޕަށް ދަތުރުކުރެއްވި ޝަރުޢީ ވަފުދުގެ މަސައްކަތް ނިންމާލައިފި އެވެ.
އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން، ނުވަ ވަނަ ދުވަހުގެ ނިޔަލަށް ދެކުނު ގޮތްޕަށް ދަތުރުކުރެއްވީ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ވަފުދެކެވެ. އެ ވަފުދުގައި ހިމެނިވަޑައިގަންނެވީ ހައިކޯޓުގެ ފަނޑިޔާރު ޝުޖާޢު އުޘްމާން، ފަނޑިޔާރު ޝުޢައިބު ޙުސެއިން ޒަކަރިއްޔާ، އަދި ފަނޑިޔާރު ޢަލީ ސަމީރު އެވެ.
އެ ވަފުދުން ކުރެއްވި ދަތުރުފުޅުގައި ޓާގެޓް ކުރެވުނު މަސައްކަތް ފުރިހަމައަށް ނިންމާލެވުނު ކަމަށް ހައިކޯޓުން ވަނީ ބުނެފަ އެވެ. އެގޮތުން ފަސް ދުވަހުގެ ތެރޭގައި 28 މައްސަލަ ނިންމާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ މަދަނީ 11 މައްސަލަ އާއި އާޢިލީ ދެ މައްސަލައަކާއި ޖިނާޢީ ދެ މައްސަލައެއް ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، އެ ކޯޓުން ބުނި ގޮތުގައި ދަޢުވާކޮށްފައިވާ ފަރާތުން އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާތީ 13 މައްސަލައެއް ބާތިލުކޮށްފައިވެ އެވެ.
ޝަރުޢީ ވަފުދުން 28 މައްސަލައެއް ނިންމުމުގެ އިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮޕްތަށް ހުށަހެޅުމުގެ ހުއްދައަށް އެދިފައިވާ މައްސަލަތަކުގެ ތެރެއިން 10 މައްސަލައަކާ މެދު ގޮތް ނިންމާފައިވާ ކަމަށް ވެސް ހައިކޯޓުން ވަނީ ބުނެފަ އެވެ.
ޝަރުޢީ ވަފުދަކުން ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 2018 ފެބްރުއަރީ ހަ ވަނަ ދުވަހު ފާސްކޮށްފައިވާ ޤަރާރުގައިވާ ގޮތުގެ މަތީންނެވެ.