15 Aug 2018, 12:01
އިންޑިއާގެ ކެރަލާ ސްޓޭޓަށް ކުރަމުންދާ ވިއްސާރައިގެ ތެެރެއިން އެ ސްޓޭޓުގެ ވެރިރަށް ޓްރިވެންޑްރަމްގެ ކޯރެއް ބަންޑުންވުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހި ތިން އާއިލާއެއް ހާލުގައި ޖެހިއްޖެ އެވެ
އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ކޮންސިއުލޭޓް ޖާދުއްﷲ ތައުފީގު "ސަން" އަށް މިއަދު ވިދާޅުވީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރެއް ބަންޑުންވެ، ދިވެހި ތިން އާއިލާއެއް ދިރިއުޅެމުންދާ ގެތަކަށް ފެންވަދެ ގޭތެރޭގައި ފެންބޮޑުވެފައިވާ ކަމަށެވެ.
އަދި ސަލާމަތަށް ޓަކައި މިހާރު އެ ގެތަކުގައި މީހުން ތިބީ އެއްވަނަ ފަންގިފިލާއަށް އަރައި ކަމަށް ޖާދުﷲ ވިދާޅުވި އެވެ. އެމީހުންގެ ފުރާނައަށް ނުރައްކާވާ ވަރަށް ހާލު ދެރަ ނުވާ ކަމަށާއި އެހެން ނަމަވެސް އެމީހުންނަށް ކައްކައި ކެއުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖާދުﷲ ވިދާޅުވީ އެ ތިން އާއިލާގައި ކިތައް މެމްބަރުން އުޅޭކަން މިހާރު ކަށަވަރު ކުރަމުންދާ ކަމަށެވެ. އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެމީހުންގެ ތެރެއިން ސަލާމަތީ ސަރަހައްދުތަކަށް ގެންދަން ޖެހޭ ހާލުގައި ތިބީ ކޮން ބައެއްކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިއްސާރަ ހުއްޓާލައިފި ނަމަ ހަތަރު ގަޑިއިރުގެ ތެރޭގައި ފެން ހިނދޭނެ ނިޒާމު އެ ސަރަހައްދުގައި ކުރިން ގާއިމްކޮށްފައިވާ ކަމަށާއި ނަމަވެސް ވިއްސާރަ ހުއްޓާނުލައިފި ނަމަ ފެން ހިނދެން އެއަށް ވުރެ ގިނަ އިރު ނަގާނެ ކަމަށް ވެސް ޖާދުﷲ ވިދާޅުވި އެވެ.
ކެރެލާއަށް ކުރަމުންދާ ވިއްސާރައިގައި އެ ސްޓޭޓުގައި ގިނަ އަދަދެއްގެ މީހުން މިހާތަނަށް މަރުވެފައިވެެ އެވެ.