ސަތާރަ ވަނަ ސާކް ސަމިޓާ ގުޅުވައިގެން އައްޑުއާއި ފުވައްމުލަކުގައި ނޮވެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ "ޓްވެންޓީ - ޓްވެންޓީ" ކުރިކެޓް މުބާރާތުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން އަވައްޓެރި ތިން ޤައުމަކުން ދީފި އެވެ.

މުބާރަތުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން މިވަގުތަށް ދީފައިވާ ތިން ޤައުމަކީ، ސްރީލަންކާ، އިންޑިއާ، ބޫޓާނެވެ.

ކްރިކެޓް ބޯޑުގެ ޑިވެލޮޕްމަންޓް އޮފިސަރު އިމާދު އިސްމާއިލް މިއަދު ވިދާޅުވީ މުބާރާތުގައި ބައިވެރިވާނެ ކަން ތިން ޤައުމަކުން ޔަގީންކޮށްދީފައި ވާއިރު، މުބާރާތުގައި ބައިވެރިވާނެ ކަން މުޅިން ޔަގީން ނުވާ ޤައުމުތަކަކީ ބަގްލަދޭސް، ޕާކިސްތާން، ނޭޕާލް އަދި އަފްޣާނިސްތާނެވެ.

އިމާދު ވިދާޅުވީ އަވައްޓެރި ބަގްލަދޭސްއިން މުބާރާތުގައި ބައިވެރިވުމާމެދު ޔަޤީންކަން ދީފައިނުވާއިރު، އެޤައުމުން މާ ބޮޑު އެއްބާރުލުމެއް ވެސް ދީފައެއް ނުވާ ކަމަށެވެ.
"ބަގްލަދޭސްއިން ބޭނުމެއް ނުވޭ އެޤައުމުގެ 19 އަހަރުން ދަށުގެ ޓީމް ފޮނުވާކަށް. ސަބަބެއް ކަމަށް އެމީހުން ބުނަނީ ވޯލްޑް ކަޕް 2013 އަށް ތައްޔާރު ވުމުގެ ގޮތުން. އެކަމަކުވެސް އެމީހުން އަދި މުޅިން ވަކި ގޮތެއް ނުނިންމާ،" އިމާދު ވިދާޅުވި އެވެ.

މުބާރާތް ފަށަން ހަމަޖައްސާފައި ވަނީ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ. އެ މަހުގެ ނުވައެއްގެ ނިޔަލަށް މުބާރާތް އޮންނާނީ ފުވަމުލަކުގެ ކްރިކެޓް ސްޓޭޑިއަމްގަ އެވެ.

ކްރިކެޓް ބޯޑުން ބުނީ، މުބާރާތުގައި ވާދަކުރަން ދެކުނު އޭޝިއާގެ ގައުމުތަކަށް ދައުވަތު ދީފައިވާ ކަމަށާއި އެގޮތުން މުބާރާތް ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ އެ ޤައުމުތަކުގެ 19 އަހަރުން ދަށުގެ ޤައުމީ ޓީމްތަކުގެ މެދުގައި ކަމަށެވެ. ވިހި އޯވަރަށް ކުޅޭ މުބާރާތުގައި ކޮންމެ ދުވަހަކު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކްރިކެޓްބޯޑުން ބުންޏެވެ.

އިމާދު ވިދާޅުވީ މުބާރާތް ފުވައްމުލަކުގައި ބޭއްވުމުގެ ކަންތައްތައް ހަލުއި ކަމާއެކު ކުރިއަށްދާ އިރު، މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމްގެ ފަރިތަކުރުންތައް މިހާރު ވަނީ ފަށާފައި ކަމަށެވެ.
"ރާއްޖެ ޓީމްގެ ފަރިތަކުރުންތައް މިހާރު ވަނީ ފަށައިފަ. ރާއްޖެ ޓީމްގެ ކޯޗަކީ ބަނގްލަދޭސްގެ ކޯޗެއް. އެކަމަކު އޭނަ އުޅެނީ ޔޫކޭގަ. ރާއްޖެ ޓީމްގެ ފަރިތަކުރުންތައް ކުރިއަށްދަނީ މާލޭގައި،" އިމާދު ވިދާޅުވި އެވެ.

މުބާރާތް ކުޅޭ ފުވައްމުލަކު ސްޓޭޑިއަމްގެ ބިންގާ ރައީސް ނަޝީދު އަޅުއްވާދެއްވާފައިވާއިރު، ސްޓޭޑިއަމްގައި ވިނަ ހެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސްރީލަންކާގެ ކޮންސަލްޓެންޓެއް ފުވައްމުލަކުގައި ދަނީ ހަރަކާތް ތެރިވަމުން ނެވެ.
"ކްރިކެޓް މުބާރާތް ބޭއްވުމުގެ ކަންތައް މިހާރު ދަނީ ކުރިއަށް. އެގޮތުން ދަނޑުހެދުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް. އެކަން ކުރަނީ ފޮރިން މިނިސްޓްރީއާ ޔޫތް މިނިސްޓްރީގެ ބެލުމުގެ ދަށުން." އިމާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ މުބާރާތަށް އަންނަ ޓީމުތަކުގެ އެކޮމަޑޭޝަނާއި ޕްރެކްޓިސް ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ އައްޑޫ ސިޓީގައި ކަމަށެވެ.