19 Sep 2011, 15:11
މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން ]އެމްއެންބީސީ[ މުވައްޒަފުން އިތުރު ގަޑީގެ ފައިސާ ހުއްދަ ނޫން ގޮތްގޮތަށް ނަގާ ކަމަށް ތުހުމަތުކޮށް، ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އާދަމް ޝަރީފު މީޑިއާގައި ދެއްކެވި ވާހަކަފުޅުތައް ކުށްވެރިކޮށް 111 މުވައްޒަފަކު ސޮއިކޮށް ޑިސިޕްލިނަރީ ކޮމެޓީ އަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ނޫސްވެރިންނާއި ކެމަރާމަނުންނާއި ޓެކްނީޝަނުންނާއި އަދި އެނޫން ޑިޕާޓްމަންޓްގެ މީހުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި ބުނެފައި ވަނީ "އެމްއެންބީސީގެ މުވައްޒަފުނާ މެދު އާންމުންނަށް ނުބައި ތަސައްވަރެއް" ޑެޕިއުޓީ އެމްޑީ ދައްކުވައިދީ ފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ "ގަވާއިދާ ހިލާފަށް މުވައްޒަފުން އިތުގަޑީގައި މަސައްކަތްކޮށް، އަދި އޭގެ ފައިސާ ހައްގު ނޫން ގޮތެއްގައި ހޯދަމުން ގެންދަމުން ގެންދާ ކަމަށް" ދޭހަވާ ގޮތަށް އޭނާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
ޕެޓިޝަނުގައި ބުނެފައި ވަނީ ކޮންމެ ދުވަހަކު އަދި ކޮންމެ މުވައްޒަފަކު އިތުރު ގަޑީގައި މަސައްކަތް ކުރަނީ ވެސް ވެރިއެއްގެ ހުއްދަ ލިބިގެން ކަމަށާއި ބައެއް ހަފުތާތަކުގައި ބަންދު ވެސް ނުލިބޭ ގޮތަށް މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިކަންތައްތަކުގެ ހަގީގަތް އެއްފަރާތްކޮށް، އެމްއެންބީސީގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނަވައިގެން ހުރިހާ މުވައްޒަފުން ބަދުނާމުވާ ފަދަ ގޮތަކަށް އާދަމް ޝަރީފު ވާހަކަ ދައްކަވާފައިވާތީ މިއީ ބަލަން ޖެހޭނެ މައްސަލައެއް ކަމުގައި ގަބޫލު ކުރަމެވެ." ޕެޓިޝަނުގައިވެ އެވެ.
އާދަމް ޝަރީފު އިއްޔެ ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި މުސާރައިގެ ގޮތުގައި 5000ރ. ވަރު ލިބޭ އެ ކުންފުނީގެ މުވައްޒަފުން އިތުރު ގަޑީގެ ފައިސާ އާ އެކު މަހަކު 18000ރ. ގެ އަށް ގެންދާ ކަމަށް ވިދާޅުވެފައިވެ އެވެ.
އާދަމް ޝަރީފު މިއަދު ވިދާޅުވީ އޭނާ އަދި އެ ޕެޓިޝަން ދެކިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އޭނާ ހުންނެވީ އެކަންކަމާ ކުރިމަތި ލެއްވުމަށް ތަޔާރަށް ކަމަށެވެ.
"ޖަވާބުދާރީ ވުމަށް ތައްޔާރަށް މިހުރީ، އެހާ ފިނޑިއެއް ނުވާނެ." އާދަމް ޝަރީފު ވިދާޅުވި އެވެ.