ސެޕްޓެންބަރު 27، 2010، ގައި ހއ. ހޯރަފުށީ ވިޔަފާރިވެރިޔާ ހުސައިން މަނިކު61، (ހުސޭނުބޭ) މަރާލި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓްގައި މިއަދު ފަށައިފި އެވެ.

ހުސޭނުބޭ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ އެ ރަށު، ސޯސަންވިލާ ނުއުމާން އަބްދުﷲ އާއި އުންމީދީ މަންޒިލް، އަހުމަދު އިބްރާހިމް އާއި ޅޮހީގޭ މުހައްމަދު ލަތީފުގެ މައްޗަށެވެ. އެ ތިން މީހުންގެ މައްޗަށް ދައުލަތުން ދެ ދައުވާއެއްކޮށްފައިވެ އެވެ. އެއީ ޓެރަރިޒަމްގެ ދައުވާއާއި ޖަމާއަތް ހަދައިގެން ހުސޭނުބޭގެ ގެއިން ވައްކަން ކުރި ކަމުގެ ދައުވާ އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ސެޕްޓެންބަރު 27، 2010 ދުވަހުގެ ރޭ އެ މީހުން ހުސޭނުބޭ ރަހީނުކޮށްފައިވާ ކަމަށާއި އެ މީހުން ހުސޭނުބޭ ރަހީނުކޮށްގެން ގެންގުޅެނިކޮށް އޭނާ މަރުވެފައިވާ ކަމަށެވެ. އަދި އެ މީހުންގެ އަތުން ހުސޭނުބޭ މަރުވެފައި ވުމުން ތިން މީހުންގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލާ ކަމަށް ވަކީލް ވިދާޅުވި އެވެ.

ދައުވާ ލިބޭ ތިން މީހުންގެ ތެރެއިން އަހުމަދު އިބްރާހިމާއި މުހައްމަދު ލަތީފު ވަނީ ހުސޭނުބޭ ރަހީނު ކުރިކަމަށް އިންކާރުކޮށްފަ އެވެ. ނުއުމާން އަބްދުﷲ ބުނީ އޭނާ މައްސަލާގައި ކުރިއަށްދާނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކުގަ އެވެ. އެ ތިން މީހުން ވެސް ހުސޭނުބޭގެ ގެއިން ވައްކަން ކުރި ކަމަށް ބުނެ ކުރާ ދައުވާއަށް އިންކާރު ކުރެ އެވެ.

ދައުވާއާމެދު އެއްޗެއް ބުނުމަށް މުހައްމަދު ލަތީފަށް ދިން ފުރުސަތު އޭނާ ބޫނީ ތަހުގީގީ މަރުހަލާގައި ހަނުހުރުމުގެ ހައްގަށް ފުލުހުން އަރައިގެންފައިވާ ކަމަށެވެ. އަދި އޯޑިއޯއިންނާއި ވީޑިއޯ މެދުވެރިކޮށް އެމްޑީޕީ ބަޔަކު ލައްވައި ބަޔާންތަކެއް ނަގާފައިވާ ކަމަށާއި ދައުލަތުން ދައުވާ ކުރަނީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ކަމަށެވެ.

އެ ތިން މީހުންގެ މައްޗަށް އުފުލާފައިވާ ވައްކަމުގެ ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ސެޕްޓެންބަރު 27، 2010، ވަނަ ދުވަހުގެ ރޭ 11:00ގައި ހުސޭނުބޭ ދިރިއުޅޭ ގެއިން 100000ރ. އަށް ވުރެ ގިނަ ފައިސާއާއި 1000 ވުރެ ގިނަ އެމެރިކާ ޑޮލަރާއި 20 ޔޫރޯ އާއި 11 ޕައުންޑާއި 10 އިންޑިއަން ރުޕީޒް ވަގަށް ނަފާފައިވާ ކަމަށެވެ.

މި ދައުވާއަކީ މި ފަދަ މައްސަލައެއްގައި މަރުގެ މައްސަލައެއްގައި "ގަސްތުގައި މީހަކު މަރާލި" ކަމުގެ ދައުވާ އުފުލުމުގެ ބަދަލުގައި ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލި ފުރަތަމަ ފަހަރެވެ. އެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމާ ގުޅިގެން ގާޒީ ދައުލަތުގެ ވަކީލާގެ އަރިހުން ސުވާލެއް ކުރެއްވި އެވެ. "މީހަކު މަރާލުމުން މިހާރު ދައުލަތުން ދައުވާ ކުރަނީ ޓެރަރިޒަމްގެ ދައުވާތޯ؟" މިހެންނެވެ. ވަކީލް ވިދާޅުވީ އެ މީހުންގެ މައްސަލަ ކުރިއަށް ގެންދެވޭނީ ޓެރަރިޒަމްގެ ދައުވާކޮށްގެން ކަމަށެވެ.

މިއަދުގެ އަޑު އެހުން ނިންމާލީ ދެން އޮންނަ ޝަރީއަތެއްގައި ދައުވާ ލިބޭ ތިން މީހުންގެ ދައުވާ ވަކިވަކިން ހުށަހެޅުމަށާއި އެ މައްސަލާގައި ހިމެނޭ ހެކިން ހުށަހެޅުމަށް ފުރުސަތު ދެމުންނެވެ. ދައުލަތުން ބުނެފައި ވަނީ އެ މައްސަލާގައި ބައެއް ހެކިންގެ ނަން ސިއްރު ކުރަން ބޭނުންވާ ކަމަށެވެ. ކޯޓުން ވަނީ އެ ފުސަތު ވެސް ދައުލަތަށް ދީފަ އެވެ.